ފުނަދޫ އެއާޕޯޓާއެކު ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މިހާރު ނައިޓް ލޭންޑިން ފެސިލިޓީ ގާއިމުވެއްޖެ: އަމީން

މޯލްޑިވިއަންގެ ބޯޓެއް: ފުނަދޫ އެއާޕޯޓާއެކު ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މިހާރު ނައިޓް ލޭންޑިން ފެސިލިޓީ ގާއިމުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ މިނިސްޓަރު އަމީން

ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މިހާރު ނައިޓް ލޭންޑިން ފެސިލިޓީ ގާއިމުވެއްޖެ ކަމަށާއި، މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

އެއާޕޯޓް ނައިޓް ލޭންޑިން ފެސިލިޓީއަކީ މަތިންދާބޯޓުތައް ރައްކާތެރިކަމާއެކު ރޭގަނޑުގެ ވަގުތުތަކުގައި ޖައްސަން ފަސޭހަ އިންފްރާސްޓްރަކްޗާއެކެވެ. އެގޮތުން މި އިންފްރާސްތްރަކްޗާގައި އެއިރޮނޯޓިކަލް ގްރައުންޑް ލައިޓިން (އޭޖީއެލް) ސިސްޓަމް، ނެވިގޭޝަނަލް އެއިޑްސް އަދި ރޮޓޭޓިން ބީކަންސް ފަދަ މުހިންމު އެލެމެންޓްސް ބޭނުންވެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ނައިޓް ލޭންޑިން ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން ފުނަދޫ އެއާޕޯޓަކީ އެ ޚިދުމަތް ގާއިމުކުރި އެންމެ ފަހު އެއާޕޯޓު ކަމަށް އަމީން ވިދާޅުވިއެވެ.

އެހެންކަމުން މިއަދަކީ ދިވެހި އޭވިއޭޝަން ދާއިރާއަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ މި އަމާޒަށް ވާސިލުވެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރެވުނު މުހިންމު މަސައްކަތުގެ ސަބަބުންކަން ފާހަގަކުރައްވައި އެމަނިކުފާނަށް ތައުރީފުކުރައްވައިފައެވެ.

ރާއްޖޭގައި މިހާރު 18 އެއާޕޯޓު އޮޕަރޭޓް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ފަސް އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

comment ކޮމެންޓް