ތ. ވިލުފުށްޓާއި ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 11ގައި ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި ދެ އިއުލާނެއްގައިވަނީ، ވިލުފުށްޓާއި ތުޅާދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ދެ ރަށުގައި އަޅައިފައިވާ ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 11އިން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށެވެ.
އެ ސްކީމްތަކާ ބެހޭ މައުލޫމާތު، ވިލުފުށްޓާއި ތުޅާދޫން ހައުސިން ޔުނިޓު ދޫކުރުމާ ބެހޭ އުސޫލުތަކުގައި ހިމަނައިފައިވާނެ ކަމަށް އެ ދެ އިއުލާނުގައިވެއެވެ.
އެ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅައިގެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ގާއިމުކޮށްފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ.
ވިލުފުށީ ކައުންސިލްގެ ވެބްސައިޓުން ދައްކާ ގޮތުގައި، އެ ރަށުގެ އާބާދީ 2298އަށް އަރައެވެ. އަދި އެންމެ ފަހުން 2022ގައި ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ތުޅާދޫގެ އާބާދީ 1,625އަށް އަރައެވެ.
އޭގެ ތެރެއިން ތުޅާދޫގައި، އި އިމާރާތްކޮށް ނިމިފައިވާ, ރޯހައުސްތައް ދޫކުރުން ލަސްވާތީ މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުން ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރިއެވެ. އޭގެ ސަބަބުން ކައުންސިލްގެ ހިންގުން މެދުކަނޑާލަން ވެސް ޖެހުނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 18ގައި ކުރިއަށްގެންދިޔަ އެ މުޒާހަރާގެ ބައިވެރިން ބުނީ، މުޒާހަރާ ފެށީ އެރަށުގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު އެ ދުވަހު އިއުލާނުކުރާނެ ކަމަށް ބުނެފައި އެކަން ނުކުރުމުން ކަމަށެވެ.
އެ މުޒާހަރާ ފެށި ފަހުން، އެ ކައުންސިލުން ވަނީ ހައުސިން ޔުނިޓަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.
އެހެންނަމަވެސް ހައުސިން މިނިސްޓްރީން ވަނީ، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުން އެކުލަވާލި ލިސްޓު އުސޫލާ ޚިލާފު ކަމަށް ނިންމައި، އެ ލިސްޓު ބާތިލުކޮށްފައިވާކަން މިދިޔަ މަހު އިއުލާންކޮށްފައެވެ.
ބިން ކުޑަ ރަށްތައް ހިމެނޭ ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މި އަހަރު ވެސް ބިން ހިއްކުމާއި ހައުސިން ޔުނިޓުތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ހަވާލުކޮށް، ފަށައިފައިވެއެވެ.
މި ސަރުކާރުން މި އަހަރު ފަށައިފައިވަނީ ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ސިފަކޮށްގެން ނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚާއްސަކުރި ބަޖެޓުގެ ބޮޑު ބަޔެއް ބޭނުންނުކޮށް އޮތުމުން ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.