އަނބިމީހާއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ މެދުރާއްޖެތެރޭގެ ރަށެއްގައި މިދިޔަ އަހަރު ހިނގި ހާދިސާއެއްގައި، ދިވެހި ފިރިހެނަކު އޭނާގެ އަންހެނުންނަށް ވަޅިން ބިރު ދެއްކި މައްސަލައެކެވެ. މި މައްސަލައަކީ އާއްމުކޮށް ހުޅުވައިނުލާ ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއްކަމުން މައްސަލައިގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.
އަނބިމީހާއަށް ވަޅިން ހަމަލާދީ، މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން އެ މީހާ، ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހައިކޯޓުންނެވެ. އެއީ، އޭނާގެ ބަންދާ މެދު ރަށު ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުންނެވެ. ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ އެ ކޯޓުގައި ފަށަން ތާވަލުކޮށްފައި އޮތީ މިއަދެވެ.
މިއީ އަސްލު މައްސަލައިގެ ތެރެއިން އުފަންވެފައިވާ ބަންދު އަމުރުގެ މައްސަލައެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުން ހަތަރު ދައުވާއެއް އެ ފިރިހެން މީހާގެ މައްޗަށް ވަނީ އުފުލާފައެވެ.
އެއީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައްކާތެރިވުމުގެ އަމުރާ ހިލާފުވުމުގެ ދައުވާއަކާއި، ގާނޫނުލް އުގޫބާތުގެ ދަށުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަކާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އަދި މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ. މި ހަތަރު ދައުވާ ވެސް 2024 ވަނަ އަހަރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.