އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓުން އުފެއްދުމުގައި މަޝްހޫރު 'މާނަސް'އިން ފޭސްބުކްގެ މައި ކުންފުނި ކަމަށްވާ މެޓާއާ ގުޅިފައިވާކަން އިއުލާންކޮށްފިއެވެ.
މިއީ އޭއައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މާނަސްއަކީ ތަހުލީލު ކުރުމާއި، އޮޓޮމޭޝަން އަދި އުނދަގޫ މަސައްކަތްތައް އަމިއްލައަށް ކުރާނެ "ޖެނެރަލް-ޕާޕަސް" އޭއައި އޭޖެންޓުން އުފައްދާ ކުންފުންޏެކެވެ. މިދިޔަ މަދު މަސްތަކުގެ ތެރޭގައި އެ ކުންފުނީގެ އޭޖެންޓުން ވަނީ 147 ޓްރިލިއަން ޓޯކަން ޕްރޮސެސްކޮށް، 80 މިލިއަނަށް ވުރެ ގިނަ ވާޗުއަލް ކޮމްޕިއުޓަރު އުފައްދާފައެވެ.
މެޓާއާ ގުޅުމާ ބެހޭގޮތުން މާނަސްއިން ބުނީ، މިއީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި، މެޓާގެ ބޮޑު ނެޓްވޯކް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މީހުންނަށާއި ވިޔަފާރިތަކަށް އެ މީހުންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި ބަދަލާ އެކު ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން މާނަސްއިން ދެއެވެ. އެގޮތުން، މިހާރު ވެސް ދެމުން އަންނަ ސަބްސްކްރިޕްޝަން ޚިދުމަތްތައް ވެބްސައިޓާއި އެޕް މެދުވެރިކޮށް ކުރިއަށްދާނެ ކަމަށާއި ކުންފުނީގެ މައި މަރުކަޒު ކުރިއެކޭ ވެސް އެއްގޮތަށް ސިންގަޕޫރުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މާނަސްގެ ސީއީއޯ ޝިއާއޯ ހޮންގް ވިދާޅުވީ، މެޓާ އާ ގުޅުމުން މާނަސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރުގަދަ އަދި ދެމެހެއްޓެނިވި ބިންގަލެއް އެޅޭނެ ކަމަށެވެ. އަދި، ކުންފުނިން ނިންމުންތައް ނިންމުމުގެ މިނިވަންކަން ކުރިއެކޭ ވެސް އެއްގޮތަށް އޮންނާނެ ކަމަށާއި މެޓާއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އޭއައިގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން މެޓާގެ ޕްލެޓްފޯމްތަކުގައި ބޭނުންކުރާ އޭއައި ވަސީލަތްތައް އިތުރަށް ހަރުދަނާވެ، އާންމު ބޭނުންތަކަށް ބޭނުންކުރާ އޭއައި އޭޖެންޓުންގެ ދައުރު ފުޅާވާނެ ކަމަށް ބެލެވެއެވެ.