ދުނިޔޭގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތައް ކަމަށްވާ އޯޕަންއޭއައި އާއި އެންތްރޮޕިކް އިން، މި އަހަރުގެ ބަންދު ދުވަސްތަކާ ދިމާކޮށް އެ ކުންފުނިތަކުގެ އޭއައި ޚިދުމަތްތައް ބޭނުންކުރެވޭ މިންވަރު ވަގުތީ ގޮތުން އިތުރުކޮށްދީފިއެވެ.
މިއީ ގިނަ ވަގުތު އޭއައި ބޭނުންކުރާ ޑިވެލޮޕަރުންނާއި ޕްރޮފެޝަނަލުންނަށް ދިން "ޗުއްޓީގެ ހަދިޔާއެއް" ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
އޯޕަންއޭއައިގެ 'ކޯޑެކްސް' އަށް ދިން ލުއިތަކަށް ބަލާއިރު، އެކުންފުނިން ވަނީ އެ ކުންފުނީގެ ކޯޑިން މަސައްކަތްތަކަށް ޚާއްޞަ އޭއައި އެޖެންޓް 'ކޯޑެކްސް' ބޭނުންކުރާ ފަރާތްތަކަށް، އާންމުކޮށް ބޭނުންކުރެވޭ މިންވަރަށްވުރެ ދެގުނަ އިތުރަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.
މި ބަދަލު ޖެނުއަރީ 1، 2026 އާ ހަމައަށް ދެމިއޮންނާނެ ކަމަށް އެ ކުންފުނީގެ ޓެކްނިކަލް ސްޓާފް މެންބަރު ތިބޯލްޓް ސޮޓިއޯ އެކްސްގައި ހާމަކޮށްފައިވެއެވެ.
ކޯޑެކްސް އަކީ ޓެކްސްޓް ޕްރޮމްޕްޓް ނުވަތަ ފޮޓޯ ބޭނުންކޮށްގެން ސޮފްޓްވެއާ ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ކުރާ އެޖެންޓެކެވެ. މިއީ ޗެޓްޖީޕީޓީގެ އިތުރުން ވިޝުއަލް ސްޓޫޑިއޯ ކޯޑް ފަދަ ޕްލެޓްފޯމްތަކުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.
އެންތްރޮޕިކްގެ 'ކްލޯޑް' އަށް ދިން ލުއިތަކަށް ބަލާއިރު، އެކުންފުނިން ވެސް ވަނީ އެ ކުންފުނީގެ 'ކްލޯޑް' ބޭނުންކުރާ 'ޕްރޯ' އަދި 'މެކްސް' ސަބްސްކްރައިބަރުންނަށް، މިދިޔަ ބުރާސްފަތިން ފެށިގެން، އަންނަ ބުދަ ދުވަހަށްވާ ޑިސެމްބަރު 31 ގެ ނިޔަލަށް ބޭނުންކުރެވޭ މިންވަރު ދެގުނައަށް އިތުރުކޮށްދީފައެވެ. މި ޕްރޮމޯޝަންގެ ދަށުން މޮބައިލް، ޑެސްކްޓޮޕް އަދި ވެބް ޕްލެޓްފޯމްތަކުގައި ވެސް ކްލޯޑް ބޭނުންކުރެވޭ މިންވަރު އިތުރުވާނެއެވެ.
ނަމަވެސް، އެންތްރޮޕިކުން ބުނެފައިވާ ގޮތުގައި މި އިނާޔަތް ލިބޭނީ ހަމައެކަނި އާންމު ފަރުދުންގެ ސަބްސްކްރިޕްޝަންތަކަށެވެ. ޓީމް އަދި އެންޓަޕްރައިޒް ޕްލޭންތައް މި ޕްރޮމޯޝަންގައި ނުހިމެނެއެވެ. ޕްރޮމޯޝަން ނިމުމުން، ޔޫސޭޖް ލިމިޓްތައް ކުރިން ހުރި މިންވަރަށް އިޔާދަވާނެއެވެ.
މި ދެ ކުންފުނީގެ މި ނިންމުމަކީ އޭއައިގެ ބޭނުން އެންމެ ބޮޑަށް ހިފާ ފަރާތްތަކަށް، އަހަރު ނިމޭ ބަންދު ދުވަސްތަކުގައި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ދިން ބޮޑު ލުޔެކެވެ.