ޖޯން އެފް ކެނެޑީގެ ކާފަ ދަރިކަނބަލުން ޓޭޓިއާނާ ކެންސަރު ބަލީގައި މަރުވެއްޖެ

ކެނެޑީގެ ކާފަ ދަރިކަނބަލުން ޓާޓިއާނާ ޝްލޮސްބާގް. އޭނާ ވަނީ ކެންސަރު ބަލީގައި މަރުވެފައި. ފޮޓޯ/ގެޓީ

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ކާފަ ދަރިކަނބަލުން ޓޭޓިއާނާ އުމުރުން 35 އަހަރުގައި ކެންސަރު ޖެހިގެން މަރުވެއްޖެއެވެ.

ޖޯން އެފް ކެނެޑީ ލައިބްރަރީ ފައުންޑޭޝަނުން ހިއްސާކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓޭޓިއާނާގެ އާއިލާއިން ވަނީ އޭނާ މަރުވިކަން އިއުލާނުކޮށްފައެވެ.

މޫސުމާ ބެހޭ ނޫސްވެރިއެއް ކަމަށްވާ ޓޭޓިއާނާ ވަނީ އޭނާއަށް ނުރައްކާތެރި ބާވަތެއްގެ ކެންސަރެއް ކަމަށްވާ އެކިއުޓް މައިލޯއިޑް ލޫކެމިއާ މިދިޔަ އަހަރު މެއި މަހު ޖެހިފައިވާކަން މިދިޔަ ނޮވެމްބަރު މަހު އިއުލާންކޮށްފައެވެ. އަދި އޭނާއަށް ދިރިއުޅެން ލިބިފައި ވަނީ އަހަރަކަށްވުރެ ވެސް ކުޑަ ދުވަސްކޮޅެއް ކަމަށް ޓޭޓިއާނާ އޭރު ބުނެފައިވެއެވެ.

ޓޭޓިއާނާ އަކީ ޑިޒައިނަރު އެޑްވިން ޝްލޮސްބާގް އާއި ޑިޕްލޮމެޓް އަދި ޖޯ އެފް ކެނެޑީގެ ދަރިކަނބަލުން ކެރޮލައިން ކެނެޑީގެ ދަރިކަނބަލެކެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ. ފޮޓޯ/އޭޕީ

'އަ ބެޓްލް ވިތު މައި ބްލަޑް' ގެ ނަމުގައި މިދިޔަ މަހު އާންމުކުރި އާޓިކަލްއެއްގައި ޓޭޓިއާނާ ލިޔުއްވާފައިވާ ގޮތުގައި އޭނާއަށް ލިބުނު ފަރުވާތަކުގެ ތެރޭގައި ކީމޯތެރަޕީ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ފަރުވާތައް ހިމެނެއެވެ. ނަމަވެސް އެ ކަން ކަމުން އޭނާއަށް މާބޮޑު ފަރުވާއެއް ލިބިފައި ނުވާކަމަށް ލިޔެފައިވެއެވެ.

އަދި އޭނާ މަރުވުމުން އާއިލާއަށް ދެން ވާނެ ގޮތަކާމެދު ބިރު ގަންނަ ކަމަށްވެސް އެ އާޓިކަލްގައި ލިޔެފައިވެއެވެ.

ޖޭއެފްކޭގެ ނަމުން ވެސް މަޝްހޫރު ޖޯން ފިޓްޒްޖެރަލްޑް ކެނެޑީ އަކީ 1961 ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރު އަވަހާރަކޮށްލުމާ ހަމައަށް އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ކެނެޑީއަކީ އެމެރިކާގެ 35 ވަނަ ރައީސްއެވެ.

އެމެރިކާގެ ރައީސް ކަމުގައި ހުންނަވަނިކޮށް ކެނެޑީ އަވަހާރަކޮށްލާފައިވަނީ 22 ނޮވެމްބަރު 1963 ގައެވެ. ކެނެޑީގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލީ ލީ އާވޭ އޮޒްވޯލްޑް ނަމަކަށް ކިޔާ އެމެރިކާ މީހެކެވެ.

ކެނެޑީ އަވަހާރަކޮށްލުމުގެ ފަހަތުގައިވާ އެއްވެސް ހަގީގަތެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް