އިސްރާއީލުގެ މިނިވަން ދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ދޭ 'އިސްރާއީލް ޕްރައިޒް' އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރުން ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
މިއީ އެ އިނާމު އެހެން ގައުމެއްގެ ރައީސަކަށް އަރުވާ ފުރަތަމަ ފަހަރެވެ.
ނަތަންޔާހޫ އެގޮތަށް އިއުލާނުކުރެއްވީ ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލަގޯ ރިސޯޓުގައި ދެ ލީޑަރުން ބައްދަލުކުރެއްވުމަށްފަހުއެވެ.
'އިސްރާއީލު ޕްރައިޒް' އަރުވާނެ ކަމަށް ނަތަންޔާހޫ އިއުލާނުކުރައްވާފައިވާއިރު، ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ލިބިވަޑައެއް ނުގަންނަވައެވެ.
އިސްރާއީލުން އެ އިނާމު ޓްރަމްޕަށް އަރުވަން ނިންމެވީ އިސްރާއީލަށާއި ޔަހޫދީންނަށް ޓްރަމްޕް ކޮށްދެއްވި މުހިންމު ކަންތައްތަކުގެ އަގު ވަޒަން ކުރުމަށް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ވޭތުވެދިޔަ 80 އަހަރު ތެރޭގައި އަޅުގަނޑުމެން ދުވަހަކުވެސް އިސްރާއީލު ނޫން މީހަކަށް އެ އެވޯޑު ދީފައެއް ނުވާނެ." ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔާހޫގެ ގާތް އެކުވެރި، އަދި އިސްރާއީލަށް ތާއީދުކުރާ ޓްރަމްޕް ވިދާޅުވީ އެ އެވޯޑު އަރުވާނެކަން އިއުލާނުކުރުމަކީ ހަގީގަތުގައި ވެސް ހައިރާން ކުރުވަނިވި އަދި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް ކަމަށެވެ.
ޖެރޫސަލާމް ޕޯސްޓުގައިވާ ގޮތުން 'އިސްރާއީލް ޕްރައިޒް' ލިބޭ ފަރާތްތަކަކީ، ނަން ހުށަހެޅުމުގެ ތިން އަހަރު ކުރިން އިސްރާއީލުގެ ރައްޔިތަކަށް ވާން ޖެހޭ ފަރާތެކެވެ. ނަމަވެސް ޔަހޫދީ ރައްޔިތުންނަށް ޙާއްސަ ކަންކަންކޮށްދޭ ފަރާތްތައް އެ ޝަރުތުން އިސްތިނާސްވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އޮކްޓޯބަރު މަހު ސޮއިކުރީ ޓްރަމްޕެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.