އާ އަހަރު ފާހަގަކުރަން ސޮނާކްޝީއާއި ޒަހީރު ރާއްޖޭގައި

ސޮނާކްޝީ އާއި ފިރިމީހާ އަދި އެކްޓަރު ޒަހީރު ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާއާއި ފިރިމީހާ ޒަހީރު އިގްބާލް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެއެވެ.

ސޮނާކްޝީގެ ދެމަފިރިން މި ފަހަރު ރާއްޖެ އައިސްފައިވަނީ މި ފެށޭ އާ އަހަރުގެ މުނާސަބާއާ ގުޅުވައިގެން ޗުއްޓީ ހޭދަކޮށްލުމަށެވެ.

ސޮނާކްޝީ ވަނީ ރާއްޖެއަށް އައިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އަމިއްލަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުގައި ސޮނާކްޝީއާއި ޒަހީރު ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އިންސްޓަގްރާމްގައި ސޮނާކްޝީ ހިއްސާކުރި ވީޑިއޯގައި ބަތަލާ މަޑުކޮށްލައިގެން ތިބޭ ވިލާގެ ބޭރުން މޫދު ފެންނަ މަންޒަރު އަޑާ އެކު ޕޯސްޓުކުރަމުން ބުނެފައިވަނީ މޫދުން އިވޭ ރާޅުތަކުގެ އަޑަކީ ކަންފަތަށް އިވޭ ވަރަށް ހިތްގައިމު މިއުޒިކެއް ކަމަށެވެ.

ބަތަލާ ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

ސޮނާކްޝީގެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ލަގްޒަރީ ރިސޯޓު އެސްއޯ މޯލްޑިވްސްގައެވެ. މި ރިސޯޓަކީ ފަސް ތަރީގެ ޕްރައިވެޓް އައިލެންޑް ރިސޯޓެކެވެ.

ސޮނާކްޝީ ވަނީ މި އަހަރުގެ މެއި މަހު ވެސް ރަހުމަތްތެރިންތަކަކާ އެކު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ބަތަލާ ބުނިގޮތުގައި އެ ދަތުރަކީ މިހާތަނަށް ރާއްޖެއަށް ކުރި އެންމެ ކުރު ދަތުރެވެ.

ސޮނާކްޝީގެ ދެމަފިރިން ފާހަގަކޮށްލެވެނީ އެކީގައި ވަރަށް ގިނަ ޤައުމުތަކަށް ދަތުރުކޮށް އެ ދަތުރުތައް އަމިއްލަ ވްލޮގްގައި ހިއްސާކުރަމުން އަންނަ ދެމަފިރިންގެ ގޮތުގައެވެ. އެގޮތުން، ރާއްޖެއަށް އެންމެ ފަހުން ކުރި ދަތުރުގެ ޚާއްސަ ވީޑިއޯއެއް ވެސް އަމިއްލަ ޔޫޓިއުބް ޗެނަލްގައި ބަތަލާ ވަނީ ޕޯސްޓުކޮށްފައެވެ.

ފިލްމު "ދަބަންގް"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ "ނިކިތާ ރޯއި" އަދި ތެލުގޫ ފިލްމު "ޖަޓަދާރާ"އެވެ.

comment ކޮމެންޓް