ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް އޮންލައިން ޕްރޮގްރާމްތައް ހިންގާ، އެފަދަ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.
އެމްކިއުއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ތަކަށް އެ އޮތޯރިޓީން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާނެ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް އެ އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު ގަބޫލު ނުކުރާނެ ކަމަށް އެމްކިއުއޭއިން ބުނެފައިވެއެވެ.
މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެމްކިއުއޭގެ މައިގަނޑު މަސައްކަތެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާއި އެއްގޮތަށްކަން ކަށަވަރުކުރުމާއި، ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި، އެކްރެޑިޓުކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒު ކުރުމަކީވެސް އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްކިއުއޭގެ ހުއްދަ ނެތި ޕްރޮގްރާމްތައް ހިންގައި، ސެޓްފިކެޓް ދޭ މައްސަލަ މިއީ މީގެ ކުރިން ވެސް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން އެމްކިއުއޭގެ ޕްރޮގްރާމް އޮޑިޓު ނުހަދައި، ދަރިވަރުންނަށް ސަނަދު ދޭ މައްސަލަ ވެސް ފާހަގަކުރެވެއެވެ.
ޕްރޮގްރާމް އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި، ނިމުނު އޮގަސްޓުގައި އެ އިދާރާއިން ނޯޓިސް ވެސް ފޮނުވާފައިވެއެވެ.
ހަމައެހެންމެ، ވަގު ސެޓްފިކެޓް ދޫކުރުމުގެ މައްސަލަ ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެކަމާ ގުޅިގެން ވަޒީފާގައި ތިބޭ މީހުންގެ ސަނަދު ވެރިފައިކުރަން ޖެހޭ ހިސާބަށް މައްސަލަ ބޮއްސުންލާފައިވާ ކަމަށް ބުނެ، އެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއި އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، މޮބައިލްކޮށް ރަށްރަށުގައި ކުރިން އެޕްރޫވްކޮށްފައި ހުރި ޕްރޮގްރާމުތައް ހިންގައި، ސަނަދު ދޭކަން ވެސް އެމްކިއުއޭގެ ސަމާލު ކަމަށް މީގެ ކުރިން އައިސްފައިވެއެވެ.
ހަމައެއާއެކު އެމްކިއުއޭގެ ޕްރޮގްރާމް އޮޑިޓަށް އެ ސަނަދުތައް ހުށަހެޅި ނަމަވެސް، ބަލައިނުގަންނާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އަދި މަތީ ތައުލީމާއި ތަމްރީނުދޭ 101 މަރުކަޒަކުން ރީ-ރަޖިސްޓްރީ ނުކުރާތީ، އެ ތަންތަނުން ހިންގާ ކޯސްތަކުގެ ސަނަދުތައް ބަލައިނުގަތުމަށް އެ އޮތޯރިޓީން ކުރިން ވަނީ ނިންމާފައެވެ.