ވޮޝިންޓަން (30 ޑިސެމްބަރު 2025) : ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޕްލޭން ބިނާކޮށްފައިވަނީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ދުންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލައި އެ ސަރަހައްދުގެ ކައިރީގައި ދިހަވަރަކަށް ކިލޯމީޓަރުގެ ބަފަޒޯނެއް ނުވަތަ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދެއް ގާއިމް ކުރުމުގެ މައްޗަށްކަން ހާމަވެއްޖެއެވެ.
މި ކަމާބެހޭ ރިޕޯޓްތައް ފެންމަތި ވެފައިވަނީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނަށް ގެންނަ އެންމެފަހުގެ އިސްލާހުތަކާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔުކްރެއިންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ އާއެކު ފްލޮރިޑާގައި ބޭއްވި ބައްދަލުވުމަށްފަހުގައެވެ.
މީގެ އިތުރުން ޔުކްރެއިން ނޭޓޯގައި ބައިވެރިނުވުމާ އަސްކަރީ ގޮތުން ނިއުޓްރަލް ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތުންވެސް ހަނގުރާމަ ހުއްޓުވުމުގެ ޕްލޭންގައި ހިމަނައި ޔުކްރެއިންގެ ރައީސް މިކަމަށްވަނީ އެއްބަސްވެވަޑައިގެންފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫކްރޭންގެ ވެރިރަށަށް އަމާޒުވި ހަމަލާއެއްގައި ލިބުނު ގެއްލުންތަކެއް -- ފޮޓޯ: ރޮއިޓާސް
ޔުކްރެއިންގެ ރައީސް އާއެކު ފްލޮރިޑާގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ސުލްހައިގެ ޕްލޭނަށް ޔުކްރެއިނުން ގެނައި ބަދަލުތަކާއެކު އެ ޕްލޭން މިހާރު ރަނގަޅު ކަމަށް ޔުކްރެއިން ވެސް ގަބޫލުކުރާ ކަމުގައެވެ. ނަމަވެސް ރަޝިއާއަށް ދޫކޮށްލަންޖެހޭ ސަރަޙައްދު ކަނޑައެޅުމުގައި އަދިވެސް ޔުކްރެއިންގެ ރުހުން ނުލިބޭ ބައެއް ކަންކަން އެބަހުރި ކަމުގައެވެ.
މިއާއެކުވެސް ޓްރަމްޕް ވިދާޅުވީ ސުލްހައިގެ އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިއްޖެ ކަމުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނެވޭނެކަން ގާތްގަނޑަކަށް ޔަގީން ވެއްޖެކަމުގައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޕްލޭންގެ ގާތްގަނޑަކަށް 90 އިންސައްތަ އޮތީ ރަޝިއާގެ ޝަރުތުތަކާ އެއްގޮތަށެވެ. ރަޝިއާ އެދޭ ގޮތަށެވެ. އެހެންކަމުން ކުދިކުދި މައްސަލަތައް ހުރިނަމަވެސް ރަޝިއާގެ ރުހުން މިހާރުވަނީ ސުލްހައިގެ ޕްލޭނަށް ލިބިފައެވެ.
ސުލްހައިގެ ޕްލޭން މިހާރު އޮތްގޮތުން މިޕްލޭނަށް ދެކޮޅު ހަދަނީ މައިގަނޑު ގޮތެއްގައި ޔޫރަޕުންނެވެ. ޔޫރަޕް ދެކޭގޮތުގައި މިއީ ރަޝިއާއަށް އަމާން ދިނުމެވެ. ޔުކްރެއިން ހަނގުރާމައަށްފަހު މަދު އަހަރުތަކެއްގެ ތެރޭގައި ރަޝިއާ ޔޫރަޕްގެ އެހެން ކުދި ގައުމުތަކާ ދިމާކޮށް އެގައުމުތައް ރަޝިއާގެ ބާރުގެ ދަށަށް ގެންނަން އަލުން ހަނގުރާމަ ފަށާނެއެވެ.
ޔޫރަޕަކީ އެމެރިކާގެ ޖިއޮޕޮލިޓިކަލް މަސްލަހަތުތަކުގައި މިހާރު މާ ބުރަދަންހުރި ގައުމުތަކެއް ނޫންކަމުން އެމެރިކާ ބުރަވަނީ ރަޝިއާ ރުހޭ ގޮތަކަށް ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.
ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ އެއްވެސް ބިމެއް ރަޝިއާއަށް ދޫކޮށްލުމަކީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތައް އެއްގޮތަކަށްވެސް ރުހޭ ކަމެއްނޫނެވެ. ނަމަވެސް ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް މިކަމުގައި ކުރެވޭނެ މާބޮޑު ކަމެއްނެތެވެ.
މިކަމާ ނުރުހުންވެ ވަޑައިގެން ޖަރުމަނުގެ ޗާންސެލަރ ފްރްޑްރިޗް މާޒް ދާދިފަހުން ވަނީ އެމެރިކާއާއި ޔޫރަޕް ގެ މަސްލަހަތު ގުޅިގެން ކުރިން އުފައްދާފައިވާ ޖިއޮޕޮލިޓިކަލް ޓާމް ކަމަށްވާ "ވެސްޓް" ނުވަތަ "ވެސްޓާން ކަންޓްރީސް" މިހާރު ނެތްކަމަށް ވިދާޅުވެފައެވެ. މާޒް ވިދާޅުވިގޮތުގައި މިހާރު އޮތީ އެމެރިކާ އާއި ޔޫރަޕެވެ. އެމީހަކާ އެމީހެކެވެ. ކޮލެކްޓިވް ސެކިއުރިޓީ އެއްނެތެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އަދުގެ ދުނިޔޭގައި އެމެރިކާއާއި ޔޫރަޕްގެ މަސްލަހަތު ވަރަށް ބޮޑަށް ތަފާތެވެ. އެމެރިކާ އިސްކަންދެނީ އެމެރިކާގެ އަމިއްލަ މަސްލަހަތަށެވެ. އެހެންކަމުން ޔޫރަޕަށްވެސް ދެން އޮތީ އެގޮތެވެ. ދެފަރާތް ގުޅިފައިވާ ކޮމަން އިންޓްރަސްޓް މިހާރުވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.
އެމެރިކާ ޔޫރަޕާމެދު ދެކެނީ އެއީ ބުރައެއްގެ ގޮތުގައެވެ. އެމެރިކ ބޭނުންވާ ވަރުގެ ބޮޑު މާކެޓެއް އަދި ގުދްރަތީ ރެސޯސްއެއް އަދި ޒުވާން އާބާދީއެއް އަދި ސްޓްރެޓީޖިކް ޑެޕްތެއް ޔޫރަޕްގައި ނެތެވެ. މިހުރިހާ އެއްޗެއް އޮތީ ރަޝިއާ، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުގައެވެ. ދެން އޭޝިއާއާއި އެފްރިކާގައެވެ.
ޔޫރަޕަށް އެހީތެރިވަމުން ޗައިނާގެ ގަދަފަދަ އަސްކަރީ ބަރާ އަދި ޓެކްނޮލޮޖީގެ ބާރާ ކުރިމަތިލުމަކީ އެމެރިކާއަށް ފަސޭހަ ކަމެއްނޫނެވެ. އެހެންކަމުން ޔޫރަޕް މިދަނީ އެެމެރިކާއަށް ބުރައަކަށްވެ ބާކީ ވަމުންނެވެ.