ވަޓްސްއަޕް ބޭނުންކުރާ މީހުން އެންމެ ގިނަވާ ދުވަސްވަރު ކަމަށްވާ އާ އަހަރާ ދިމާކޮށް، މެޓާގެ ދަށުން ހިންގާ މި އެޕްލިކޭޝަނުން 2026 ވަނަ އަހަރަށް ހާއްސަ އާ ފީޗާތަކެއް ތައާރަފުކޮށްފިއެވެ.
ވަޓްސްއަޕުން ހާމަކޮށްފައިވާ ގޮތުގައި އާ އަހަރުގެ ފެށުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕްލިކޭޝަންގެ ބޭނުން އެންމެ ބޮޑަށް ކުރާ ވަގުތު ކަމަށްވާއިރު، އާންމު ދުވަސްދުވަހު 100 ބިލިއަނަށް ވުރެ ގިނަ މެސެޖާއި ދެ ބިލިއަނެއްހާ ކޯލް ކުރި ނަމަވެސް އާ އަހަރުގެ ފުރަތަމަ 24 ގަޑިއިރު މި އަދަދުތައް އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
މި ފަހަރުގެ އަޕްޑޭޓާ އެކު ވީޑިއޯ ކޯލް ކުރަމުންދާއިރު ސްކްރީނުން ފަޔާވޯކްސް، ކޮންފެޓީ އަދި ތަރިތައް ފަދަ އެނިމޭޝަންތައް ފެންނާނެ ގޮތް ވަނީ ހަދާފައެވެ. މީގެ އިތުރުން 2026 ވަނަ އަހަރަށް ޚާއްސަ "ސްޓިކާ ޕެކެއް" ވެސް ވަނީ މެސެޖުތަކުގައި ބޭނުންކުރުމަށް ތައާރަފުކޮށްފައެވެ.
މެސެޖުތަކަށް "ކޮންފެޓީ އިމޯޖީ" އިން ރިއެކްޓް ކުރުމުން ސްކްރީނުން ފެންނަ ހާއްސަ އެނިމޭޝަން އަލުން ގެނެސްދީފައިވާއިރު، ވަޓްސްއަޕް ސްޓޭޓަސްތަކަށް އެނިމޭޓެޑް ސްޓިކާ އިތުރުކުރެވޭ ފީޗާއެއް ވެސް ފުރަތަމަ ފަހަރަށް ވަނީ ތައާރަފުކޮށްފައެވެ.
އާ އަހަރުގެ ހަފްލާތައް ގްރޫޕްތަކުގައި ރޭވުމަށް އެހީތެރިވެދޭނެ ގޮތުން އިވެންޓްތައް ހަދައި މީހުންނަށް އާރް.އެސް.ވީ.ޕީ ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.
މީގެ އިތުރުން ވޯޓުލުމަށް ބޭނުންކުރާ ޕޯލްސް އާއި މީހުން ތިބި ތަން ބަލައިލުމަށް ބޭނުންކުރާ ލައިވް ލޮކޭޝަން ފީޗާގެ ބޭނުން ހިފުމަށް ވެސް ވަޓްސްއަޕުން ވަނީ ބާރުއަޅާފައެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ތެރޭގައި މެޓާ އޭއައި ބޭނުންކޮށްގެން ފޮޓޯ އެޑިޓްކޮށް، ބެކްގްރައުންޑް ބަދަލުކުރުމާއި ފޮޓޯ އެނިމޭޓް ކުރުން ފަދަ ޒަމާނީ ވަސީލަތްތައް ސްޓޭޓަސް އަޕްޑޭޓްތަކަށް ލިބޭނެ ކަމަށް ބެލެވެއެވެ.
ފޯނު ނަންބަރު ހިއްސާނުކޮށް ވާހަކަދެއްކޭ ގޮތަށް "ޔޫޒާނޭމް" ރިޒާވް ކުރެވޭ ފީޗާއެއް ތައާރަފުކުރުމަށް ވަޓްސްއަޕުން ތައްޔާރުވަމުންދާއިރު، އެކައުންޓުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ހާއްސަ "ސެކިއުރިޓީ މޯޑް" އެއް ވެސް ތައާރަފުކުރާނެއެވެ.
އަދި ގްރޫޕްތަކުގައި އެންމެންނަށް އެއްފަހަރާ ނޯޓިފިކޭޝަން ފޮނުވޭނެ އެޓް-އޯލް މެންޝަން ފީޗާއަކާއި، ސްޓޯރޭޖް ބަލަހައްޓާނެ އާ ވަސީލަތެއް ވެސް ކުރިއަށް އޮތް އަހަރު ފެންނާނެއެވެ.