ވަޓްސްއެޕް އެކައުންޓާ ގުޅިފައިވާ ޑިވައިސްތައް ފެންނަ އާ ފީޗާއެއް ޓެސްޓުކުރަނީ

ވަޓްސްއެޕަށް އަންނަނީ ގިނަ ފީޗާތަކެއް އިތުރުކުރަމުން ---

ވަޓްސްއެޕް އެކައުންޓާ ގުޅިފައިވާ އިތުރު ޑިވައިސްތައް ނުވަތަ 'ޕެރިފަރަލްސް' ޔޫޒަރުންނަށް ފަސޭހައިން ބަލާލެވޭނެ އާ ފީޗާއެއް އައިފޯން ގެންގުޅޭ ފަރާތްތަކަށް ތައާރަފުކުރުމަށް ޓެސްޓުކުރަން ފަށައިފިއެވެ.

މިއީ ޓެސްޓްފްލައިޓް ބީޓާ ޕްރޮގްރާމްގެ ދަށުން މިހާރު ދޫކުރަމުންދާ އަޕްޑޭޓެއް ކަމަށްވިޔަސް، އާންމުކޮށް ސްޓޭބަލް ވާޝަން ބޭނުންކުރާ ބައެއް ފަރާތްތަކަށްވެސް މި ބަދަލު މިހާރު ފެންނަން ހުރިކަމަށް ޓެކް ރިޕޯޓުތައް ބުނެއެވެ.

މި އާ ފީޗާ ހިމެނިފައިވަނީ ވަޓްސްއެޕްގެ ސެޓިންގައިވާ "ލިންކްޑް ޑިވައިސަސް" މެނޫގެ ތެރޭގައެވެ.

މީގެ ކުރިން ކިއުއާރް ކޯޑު ސްކޭންކޮށްގެން ގުޅުވާ ޑިވައިސްތައް ފެންނަން ހުރި ނަމަވެސް، މި އަޕްޑޭޓާއެކު އޮޓަމެޓިކުން އެކައުންޓާ ގުޅޭ ޑިވައިސްތައް "ޕެރިފަރަލްސް" ލިސްޓުން ވަކިން ފެންނަން ހުންނާނެއެވެ. މިއީ ކޯޑު ޖެހުމަކާ ނުލައި ފަސޭހަކަމާއެކު ގުޅޭ ޑިވައިސްތައް ދެނެގަތުމަށް ގެނައި ބަދަލެކެވެ.

މިވަގުތު މި ފީޗާ ސަޕޯޓުކުރަނީ ހަމައެކަނި އެޕަލް ވޮޗް އަށެވެ. ވަޓްސްއެޕް އެކައުންޓާ އެޕަލް ވޮޗް ގުޅިފައިވާނަމަ، ގަޑީގެ ނަމާއި އެންމެ ފަހުން އެކްޓިވް ވެފައިވާ ވަގުތު މި ލިސްޓުން ފެންނަން ހުންނާނެއެވެ. މިއީ ފޯނާއި ގަޑިއާ ދެމެދު މެސެޖުތަކާއި ނޮޓިފިކޭޝަންތައް ރަނގަޅަށް ސިންކްވަމުންދާކަން ކަށަވަރުކުރުމަށް ލިބޭ ފަސޭހައެކެވެ.

އާންމުކޮށް ލިންކްކޮށްފައި ހުންނަ ޑިވައިސްތައް ވަޓްސްއެޕްގެ ސެޓިންގްސްއިން ވަކިކުރެވުނު ނަމަވެސް، މި ޕެރިފަރަލްތައް އެގޮތަށް ސީދާ ޑިސްކަނެކްޓް ނުކުރެވޭނެއެވެ. އެ ޑިވައިސްއެއް އެކައުންޓުން ވަކިކުރުމަށްޓަކައި ޖެހޭނީ ގުޅިފައިވާ ޑިވައިސްއިން (މިސާލަކަށް އެޕަލް ވޮޗުން) ވަޓްސްއެޕް އެޕްލިކޭޝަން އަންއިންސްޓޯލް ކުރާށެވެ. އޭރުން މެސެޖް ސިންކްވުން ހުއްޓި، ލިސްޓުން އެ ޑިވައިސް އޮޓަމެޓިކުން ފޮހެވޭނެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޓްސްއެޕް އެކައުންޓްގެ ރައްކާތެރިކަން އިތުރުކޮށް، އެކައުންޓާ ގުޅިފައިވާ ޑިވައިސްތަކަކީ ކޮބައިކަން ޔޫޒަރުންނަށް ސާފުކޮށް އެނގޭނެގޮތް ހެދުމެވެ. މީގެ ސަބަބުން ނޭނގި އެއްވެސް ޑިވައިސްއެއް ނުވަތަ ޕެރިފަރަލްއެއް އެކައުންޓާ ގުޅިފައިވާނަމަ އެކަން ދެނެގަނެ، އެކައުންޓް މެނޭޖްކުރުމަށް ފަސޭހަވެގެންދާނެއެވެ.

ވަޓްސްއެޕުން މީގެ އަހަރުތަކެއް ކުރިން ތައާރަފުކުރި "ލިންކްޑް ޑިވައިސަސް" ފީޗާއަކީ ޔޫޒަރުންނަށް އެއް ފޯނެއްގެ އިތުރުން ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ 4 ޑިވައިސްއެއްގައި އެއްފަހަރާ އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ގެނައި މުހިންމު ބަދަލެކެވެ. އޭގެ ފަހުން ސްމާޓް ގަޑިތަކަށް (ވެއާ އޯއެސް) ޚާއްސަ އެޕްލިކޭޝަންތައް ތައާރަފުކޮށް، ފޯނާ ނުލައި ގަޑިން މުއާމަލާތްކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ. މިހާރު ޓެސްޓުކުރަމުންދާ "ޕެރިފަރަލްސް" ފީޗާއަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، އެކައުންޓްގެ ސެކިއުރިޓީ ވަރުގަދަކޮށް، އޮޓަމެޓިކުން ގުޅޭ ޑިވައިސްތައް ބެލެހެއްޓުން ޔޫޒަރުންނަށް ފަސޭހަކޮށްދިނުމަށް ވަޓްސްއެޕުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

comment ކޮމެންޓް