ށ. ފުނަދޫގައި ފިރިހެނަކު ފޯނާ ކުޅެމުން ސައިކަލު ދުއްވަނިކޮށް، ފުލުހުން ހުއްޓުވަން އުޅުމުން ބާރު ސްޕީޑުގައި ދަނިކޮށް، އޭނާގެ އަތުން ވެއްޓުނު ފޯނާއެކު ޑުރަގު ޕެކެޓުތަކެއް ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އިއްޔެ ށ. އަތޮޅުން ދެ މީހަކު ހައްޔަރުުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުނަދޫ މަގުމަތިން ކަމަށާއި އެއީ 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން ބުނީ އޭނާ ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުން ދަނިކޮށް ފެނިގެން، ސައިކަލު މަޑުކުރަން ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި ކަމަށެވެ. އެގޮތަށް ދުއްވާފައި ދަނިކޮށް އޭނާގެ އަތުގައި އޮތް މޯބައިލް ފޯނު ވެއްޓުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ފޯނާއި ފޯނު ވެއްޓުނު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަަމަށް އެ ޚިދުމަތުން ބުންޏެވެ.
ދެވަނަ މީހާ ހައްޔަރުކުރީ، ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރީ 40 އަހަރުގެ މީހެއް ކަމަށްވާއިރު، އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން އަންނަނީ އެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މި އަހަރު ތެރޭ އެފަދަ 1,989 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ބާވަތަށް ބަލާއިރު، ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ.