ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ ސަތޭކަ މިލިއަނަށްވުރެ ގިނަ ވިއުސް ޓްރެއިލާއަށް ލިބިއްޖެއެވެ.
ފިލްމު "އޮޑެސީ"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ޔޫޓިއުބް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނަ ބަޔަކު ވަނީ ފިލްމުގެ ޓްރެއިލާ ބަލާފައެވެ.
ފޯބްސްއިން އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން "އޮޑެސީ" ޓްރެއިލާ ބެލި މީހުންގެ އަދަދު ސަތޭކަ މިލިއަނަށްވުރެ އިތުރުވުމާ އެކު އެއީ ނޯލަން އެންމެފަހުން ގެނެސްދިން ފިލްމު "އޯޕަންހެއިމާ"ގެ ޓްރެއިލާއަށް ލިބުނު ތަރުހީބުގެ ދެ ގުނަ އިތުރު އަދަދެކެވެ.
އެ ފިލްމު ގެނެސްދޭ ޔުނިވާސަލް ޕިކްޗާސްއިން އާއްމުކުރި އެއް މިނެޓާއި 53 ސިކުންތުގެ ޓްރެއިލާގައި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ވަނީ ހިމަނާފައެވެ. ހަމައެއާއެކު ފިލްމުގެ ފިލްމު ލީޑް ރޯލްގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ކެރެކްޓާތަކުގެ ފުރަތަމަ ފެނިލުން ވެސް ޓްރެއިލާގައި ވަނީ ހިމަނާލާފައެވެ.
އަންނަ އަހަރުގެ ޖުލައި މަހުގެ 17ގައި ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފައިވާ "ދަ އޮޑެސީ" ބެލުންތެރިންނަށް ގެނެސްދިނުމުގެ އަހަރެއްކުރިން ފިލްމުގެ ޓިކެޓްތައް ވެސް ވަނީ ވިއްކަން ފަށާފައެވެ. މި ފިލްމަކީ ގްރީކުގެ ބަތަލަކު ހަނގުރާމައެއް ނިންމާފައި އެނބުރި އަމިއްލަ ވަޒަނަށް ދިއުމަށް ކުރާ ދަތުރުގައި ދިމާވާ އާދަޔާ ޚިލާފު ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

ހޮލީވުޑްގެ ފިލްމު "ދަ އޮޑެސީ"ގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން--ފޮޓޯ/ފޯބްސް
"ދަ އޮޑެސީ"ގެ ލީޑް ރޯލްއިން ފެންނާނެ ތަރިންގެތެރޭ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލް ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑްގެ އިތުރުން އޭނާގެ ލޯބިވެރިޔާ ބަތަލާ ޒެންޑްޔާ ވެސް ހިމެނެއެވެ. މިތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"އިން ފެންނާނެއެވެ.
ނޯލަން 2022ގައި ގެނެސްދިން ފިލްމު "އޯޕަންހައިމާ" އަކީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދުމަށްފަހު 2023 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ހާސިލުކުރި ފިލްމެކެވެ. އެ އަހަރުގެ އޮސްކާ އެވޯޑުގައި އެ ފިލްމަށް ހަތް ކެޓަގަރީއަކުން އެވޯޑު ލިބިފައިވެއެވެ.