އިންޑިއާގެ މަޝްހޫރު ތެލުގޫ އެކްޓަރު ޕްރަބާސް ޑަބަލް ރޯލް ކުޅެފައިވާ ހޮރޯ ކޮމެޑީ ފިލްމު "ދަ ރާޖާ ސާބް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މަރޫތީ ދަސާރީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ ބިރުވެރި ހާދިސާތަކާ އެކު ބެލުންތެރިން ހެއްވާލާނެ ގިނަ ދަނޑިވަޅުތަކެއް އޭގައި ހިމެނޭ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހަމައެއާއެކު ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ބޮލީވުޑްގެ އެކްޓަރު ސަންޖޭދަތު ފެންނާނެއިރު ސަންޖޭ ފިލްމުގައި ކުޅެނީ ނުރައްކާތެރި ޖާދޫގެ ސިހުރު ހާހޫރު ހަދާ މީހެއްގެ ކެރެކްޓާއިންނެވެ.
އާއްމުކޮށް އެކްޝަން ފިލްމުތަކުން ފެންނަ "ބާހޫބަލީ"ގެ އެކްޓަރު ޕްރަބާސް މި ފިލްމުގައި ކޮމެޑީ ރޯލަކުން ފެނުނު ނަމަވެސް މިއީ ޕްރަބާސްގެ އެކްޝަން ސީންތަކެއް ވެސް ފެންނާނެ ފިލްމެކެވެ.
ޕްރަބާސް އާއި ސަންޖޭގެ އިތުރުން "ދަ ރާޖާ ސާބް"ގެ މުހިއްމު ރޯލަކުން ބަތަލާ ޒަރީނާ ވަހާބް ވެސް ފެންނާނެއެވެ. ޒަރީނާ ފިލްމުގައި ކުޅެފައި ވަނީ ޕްރަބާސްގެ މަންމަގެ ރޯލެވެ.

ފިލްމު "ދަ ރާޖާ ސާބް"ގެ ޕޯސްޓަރެއް. ޕްރަބާސްއާ އެކު މި ފިލްމުގެ ހާއްސަ ރޯލަކުން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ވެސް ފެންނާނެ--ފޮޓޯ/ޕިންކްވިލާ
ފިލްމު "ދަ ރާޖާ ސާބް"ގެ ޓްރެއިލާ 2.0ގެ ނަމުގައި ބެލުންތެރިންނަށް ދައްކާލިއިރު ތަންކޮޅެއް ކުރިން ފިލްމުގެ ޓްރެއިލާ ލީކްކޮށްލި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.
ޕްރަބާސް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން ހުރާފީ ފިލްމު "ކަލްކީ: 2898 އޭޑީ"އެވެ. އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ކަލްކީ"ގެ ދެވަނަ ބައިގެ އިތުރުން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" ހިމެނެއެވެ.