ހުމާ 'ޓޮކްސިކް'ގައި ފެންނާނެ ގޮތް ދައްކާލައިފި

ބަތަލާ ހުމާ ގުރައިޝީ "ޓޮކްސިކް"ގައި ފެންނާނެ ގޮތް ދައްކާލި ފަސްޓް-ލުކް ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ


އަންނަ އަހަރުގެ މާޗް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން – އަޕްސް"ގައި ބަތަލާ ހުމާ ގުރައިޝީ ފެންނާނެގޮތް ދައްކާލައިފިއެވެ.

ހުމާ ފެންނާނެގޮތް ދައްކާލި ފަސްޓްލުކް ޕޯސްޓަރުގައި ބަތަލާ ފެންނާނީ އެލިޒަބަތުގެ ނަން ދީފައިވާ ކެރެކްޓާއަކުން ކަމަށް ވަނީ ބުނެފައެވެ. ޕޯސްޓަރުގައި ހުމާ ފެންނަނީ ކަޅު ކުލައިގެ ގައުންއެއްގައި ވަރަށް ޝާހީ ގޮތަކަށެވެ.

ހުމާ ދައްކައިލި ފަސްޓްލުކް ޕޯސްޓަރުގެ ބެކްގްރައުންޑުން ދައްކާގޮތުގައި އެވަގުތު ވެސް އޭނާ ތައްޔާރުވަމުންދިޔައީ ކޮންމެވެސް ކަހަލަ ޝިކާރައެއް ކުރުމަށް ކަމަށް ދޭހަވާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "ޓޮކްސިކް" އަކީ މަޝްހޫރު "ކޭޖީއެފް"ގެ ސީރީސްތަކުގެ ލީޑް ރޯލް ކުޅެ ބޮޑު މަގުބޫލުކަމެއް ހޯދި ކަންނާޑާ އެކްޓަރު ޔަޝް ލީޑް ރޯލް ކުޅޭ ޕީރިއަޑް ގޭންގްސްޓާ ފިލްމެކެވެ. އަންނަ އަހަރުގެ މާޗް މަހުގެ 19ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ޔަޝް އާއި ޑައިރެކްޓަރު ގީތޫ މޯހަންދާސް ގުޅިގެން ގީތޫގެ އަމިއްލަ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމަކީ އިނގިރޭސި ބަހުން އުފައްދާ ފިލްމަކަށްވީ ނަމަވެސް އުތުރު އިންޑިއާގައި ފިލްމު ރިލީޒްކުރާނީ ހިންދީ ބަހުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބަތަލާ ކިއާރާ "ޓޮކްސިކް"ގައި ފެންނާނެ ގޮތް ދައްކާލި ފަސްޓް-ލުކް ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަންނަ އަހަރު ރިލީޒްކުރާ ފިލްމުތަކުގެތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ޔަޝްގެ "ޓޮކްސިކް"ގެ ކާސްޓުގައި ކިއާރާ އަދުވާނީ،ނަޔަންތާރާ، ތާރާ ސުތާރިއާ، އަކްޝޭ އޮބޮރޯއި، ރުކްމިނީ ވަސަންތު، ސުދޭވް ނައިރް އަދި އަމިތު ތިވާރީ ހިމެނެއެވެ. ފިލްމުގައި ކިއާރާ ކުޅޭ ކެރެކްޓާގެ ފަސްޓްލުކް ޕޯސްޓަރު މިދިޔަ ހަފްތާގެތެރޭ ވަނީ ދައްކާލާފައެވެ.

comment ކޮމެންޓް