ބީއެމްއެލް އެފޯޑަބަލްއިން 2،000އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށަނީ

ބީއެމްއެލްގެ ސަބްސިޑަރީން، ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގު ހެޔޮ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަންނަ މަހު ފަށާނެކަން މިއަދު އިއުލާނުކޮށްފިއެވެ.

ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ސަބްސިޑަރީއެއް އުފެއްދީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް)ގައި ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން މިއަދު ވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު، ހުޅުމާލޭގައި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެއީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކުގައެވެ.

ބީއެމްއެލްގެ ސަބްސިޑަރީން ވަނީ، ހުޅުމާލޭގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީއާ ހަވާލުކޮށްފައި -- ފޮޓޯ/ ބީއެމްއެލް

އޭގެ ތެރެއިން ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި، 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ.

ބީއެމްއެލްއިން ވަނީ، ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެއްކަން ފާހަގަކޮށްފައެވެ. އެ ކުންފުނިން މީގެ ކުރިން ވެސް ރާއްޖޭގައި މުހިންމު މަޝްރޫއުތައް ހިންގައިފައިވާ ކަމާއި އޭގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތައް ހިމެނޭކަން އެ ބެންކުން ފާހަގަކުރިއެވެ.

ބީއެމްއެލްއިން ސީއެމްއީސީއާ ހަވާލުކުރީ، ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށެވެ.

އެ ކުންފުންޏަކީ ވެސް ރާއްޖޭގައި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްކޮށް، ގާބިލުކަން ދައްކައި، އިތުބާރު ހޯދައިފައިވާ ކުންފުންޏެއްކަން ބެންކުން ފާހަގަކުރިއެވެ. ސީއެމްއީސީން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ވިނަރެސް ހައުސިން މަޝްރޫއު ހިމެނެވެ. އެ މަސައްކަތަށް ފަހު، އެ ކުންފުނިން އަންނަނީ ގުޅީފަޅާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންފްރަސްޓްރަކްޗާ މަސައްކަތްތައް ކުރަމުންނެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރަން ސީއެމްއީސީއާ ހަވާލުކުރުން -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ބުނި ގޮތުގައި އެެ ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، އެއްބަސްވުން ހެދި ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުނިކަން ބެންކުން ފާހަގަކުރިއެވެ.

ބީއެމްއެލްއިން ބުނީ، އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގާ އެ މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މިއީ، އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބެންކުން ބުންޏެވެ.

އެ ބެންކުން ވަނީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބުނެފައެވެ. އަދި ބީއެމްއެލްއާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭއިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

https://sun.mv/213860

ކެބިނެޓުން މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި، ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުން، މާލީ އިދާރާތަކާ ގުޅިގެން، ލީސް ޓު އޯން ނުވަތަ ކުއްޔަށް ދިރިއުޅުމަށް ފަހު އަމިއްލަ ކުރެވޭ މޮޑެލްގެ ދަށުން އާންމުންނަށް ހައުސިން ޔުނިޓު ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވައިދެއް އެކުލަވާލައިފައެވެ.

އެ ގަވައިދުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިން ސްކީމަށް ޚާއްސަކުރަން ޖެހޭނެއެވެ.

comment ކޮމެންޓް