ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން، މާލެއިން ލިބިފައިވާ ބިން ބަދަލުކޮށް، ވިއްކަން މާލެ ސިޓީ ކައުންސިލުން ހުއްދަ ނުދޭތޯ ބައްލަވަން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ)، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.
މެންބަރު ކުޑޫ ފޮނުއްވި އެ ސިޓީގައި ވަނީ، ސަރުކާރަށް ދެ އަހަރު ވާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ލަސްވެ، ނިންމާނެ ކަމަށް ވިދާޅުވި ތާރީޚުތައް ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.
އެ ކަމަކީ، ގޯތި ލިބިފައިވާ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއްކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް --- ފޮޓޯ/ ހައުސިން މިނިސްޓްރީ
އެހެންވެ، ރައީސް މުއިއްޒުގެ ކެމްޕެއިންގައި އެ ސްކީމާ ގުޅުވައި ދައްކަވާފައި ހުރި ވާހަކަތައް ކުޑޫ ވަނީ ހިމަނުއްވާފައެވެ. އަދި، ބައެއް ކަންކަން ނިންމާފައިވާ ގޮތް ހިއްސާކޮށްދެއްވުމަށް މެންބަރު ވަނީ ސިޓީގައި އެދިވަޑައިގަންނަވާފައެވެ.
މިގޮތުން:
- ބިންވެރިޔާ ސްކީމުން ހުޅުމާލެ ނުވަތަ އެނޫންވެސް ތާކުން ބިން ލިބުނު މީހުންނަށް މިހާރު މާލެއިން ލިބިފައިވާ ބިން، އެހެން ފަރާތަކަށް ބަދަލުކުރުން، ވިއްކުން ފަދަ އެ ބިމަށް ތަސައްރަފުކުރުމުގެ އެއްވެސް ކަމެއް ކުރުމުގެ ހުއްދަ އޮތްކަން ނުވަތަ ނޫންކަން.
-
ބިންވެރިޔާ ސްކީމުގައި ބިން ލިބިފައިވާ މީހަކަށް މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުގެ ކަންކަން ކުރަންވީތޯ އަދި އެކަން ކުރިޔަށް ގެންދާނީ ކޮންގޮތަކަށްކަން.
-
ބިންވެރިޔާ ސްކީމުގައި ހިމެނޭ މީހަކަށް މާލެއިން ލިބިފައިވާ ބިންކޮޅު އެހެންމީހަކަށް ދީ ނުވަތަ ވިއްކާލެވިދާނެތޯ؟
އޭގެ އިތުރުން ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު، އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް ޝަރުތު އުވާލައްވާނެ ކަމަށް ރައީސް ސެޕްޓެމްބަރު 18، 2023ގައި ވިދާޅުވިކަން ކުޑޫ ފާހަގަކުރެއްވިއެވެ. އެހެންވެ، އެކަމާ މެދު ނިންމާފައިވާ ގޮތެއް ހިއްސާކުރެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ދިނެވެ.
ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައިވެއެވެ.
ބިން ހިއްކައި، ގުޅިފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދިން ނަމަވެސް، އެ ތަންތަނުގައި ފެނާއި، ކަރަންޓާއި، ނަރުދަމާ ފަދަ އެއްވެސް އަސާސީ ޚިދުމަތެއް އަދި ނެތެވެ. މީގެ އިތުރުން މަގުތައް ވެސް ނުހަދައެވެ. އެހެންވެ އެ ތަންތަނުން ގޯތި ލިބުނަސް އަދިވެސް އެ ތަންތަން ހެދުމުގެ މަސައްކަތް ބިން ލިބުނު މީހުންނަށް ނުފެށެއެވެ.