ނިމެން ގާތްވެފައިވާ މި އަހަރަށް ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަކުރި 1.8 ބިލިއަން ރުފިޔާއިން އާންމުންނަށް ލިބުނު އެއްވެސް ގެދޮރުވެރިކަމެއް ނެތް ކަމަށާއި، މި ސަރުކާރުން ފަށާނެ ކަމަށް ބުނި ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއްވެސް ނުފަށާ ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަޢުރޫފް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކައި އެ ތަނުން 25،000 ގޯތި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވާހަކަފުޅު ގަބޫލުކުރާނެ ރައްޔިތަކު ނެތް ކަމަށެވެ.
"ހަމަބުއްދި ހުރި ކޮންމެ މީހަކަށް އެބަ އެނގޭ، ރައީސުލްޖުމްހޫރިއްޔާ 2025ވަނަ އަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ވަނީ، 2025ވަނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުގައި ހިނގައި، ހަމަ އެހެންމެ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ފާސްކުރެވިގެން ގޮސް ބޯހިޔާވަހިކަމުގެ ޚާއްސަ އަހަރެއްގެ ގޮތުގަ،" މަޢުރޫފް ވިދާޅުވިއެވެ.
ދެން ތިބޭފުޅުން ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވާ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެއްގަ ޚާއްސަ ބަޖެޓެއްގަ ދިވެހި ރައްޔިތުންނަށް ލިބުނީ ކޮން ބޯހިޔާވަހިކަމެއްތޯ، ހަމަ އެވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެކި ތާރީޚު ދެއްވަމުން ވިދާޅުވަމުން އެ ކުރިއަށް ގެންދަވަނީ، އެއްވެސް ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް، އަދި ބޯހިޔާވަހިކަމެއް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި މިހާތަނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގައި ބޭނދުނު އެންމެ ގާބުރިއެއްވެސް ނެތްކަން އަޅުގަނޑު މިފުރުސަތުގައި ފާހަގަކުރަން،މަޢުރޫފް ޒާކިރު - ކެންދޫ ދާއިރާގެ މެންބަރު
މަޢުރޫފް ވިދާޅުވީ، ކުރީ ސަރުކާރުގެ ލިސްޓާ އެއްގޮތަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ދޫކުރި ފުލެޓުތައް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ ވައުދުފުޅާ އެމަނިކުފާނު ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
އެހެންވެ، މި ސަރުކާރަކީ "ސްކޭމެއް"ގެ ގޮތުގައި ސިފަކުރައްވައި، އުންމީދެއް ކިރިޔާވެސް އޮތީ އެމްޑީޕީއަށް އަލުން ވެރިކަން ލިބިގެން ކަމަށް، މަޢުރޫފް ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމާ ހަވާލުވުމަށްފަހު، ގެދޮރުވެރިޔާގެ ދަށުން ދޫކުރި ފުލެޓުތަކަށާއި ބިންވެރިޔާގެ ދަށުން ދޫކުރި ގޯތިތަކަށް ދެވަނަ ފަހަރަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފުލެޓުތައް ދީ، މި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތައް އުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ 'ރަން ޒަމާނަކަށް' ނަމުގައި މި އަހަރު އެ ކަމަށް ކަނޑައެޅި ރިކޯޑު ބަޖެޓުގެ 90 އިންސައްތަ ބޭނުންނުކޮށް އަތްނުލާ އޮތް ނަމަވެސް، މިއިން ޒަމާނަކު ނުހިންގާ ވަރަށް އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު އިއްޔެ ވިދާޅުވެފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި އަހަރު 1.8 ބިލިއަން ރުފިޔާ ޚާއްސަކުރިއެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި އަހަރު ނިމޭއިރު އެ ބަޖެޓުގެ 90 އިންސައްތަ އޮތީ އަތްނުލައެވެ. ބޭނުންކުރީ އެންމެ 10 އިންސައްތައެވެ.
އެހެންވެ، މަޝްރޫއުތައް ނުހިނގާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލުކުރުމުން ހައުސިން މިނިސްޓަރު މުއްތަލިބް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަޝްރޫއުތައް ނުހިނގާ ކަމަށް މީހުން ބުނަނީ މާލޭ ސަރަހައްދުގައި މަޝްރޫއުތައް ނުފެންނާތީ ކަމަށާއި އެކަމަކު ރަށްރަށުގައި ގިނަ އަދަދެއްގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.
"ހަމައެކަނި ތި ބޭފުޅުންނަށް ނުފެންނަނީ މާލޭ ސަރަހައްދުގައި ބޮޑު މަޝްރޫއެއް ފެށިގެން ނުދާތަން. އެހެންނަމަވެސް ރާއްޖޭގައި އެއްވެސް ޒަމާނެއްގައި ރާއްޖޭގެ ރަށްތަކުގައި އިމާރާތްނުކުރާ މިންވަރަށް މި ސަރުކާރުން އިމާރާތްކުރުމުގެ މަސައްކަތް އެބަ ކުރިއަށްގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ޚާއްސަކުރީ މި އަހަރަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ހައްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވުމަށް ފަހުގައެވެ. އެކަމަކު، މިހާތަނަށް ޚަރަދުކުރީ އެންމެ 186 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށްވުރެ ވެސް މާ ބޮޑަށް ދަށް އަދަދެކެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުން މިހާތަނަށް ޚަރަދުކުރީ 38 ބިލިއަން ރުފިޔާއެވެ. ޚަރަދުނުކޮށް 10 ބިލިއަނެއްހާ ރުފިޔާ އެބައޮތެވެ. މިހާތަނަށް ޚަރަދުކޮށްފައިވަނީ ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދެ ބިލިއަނެއްހާ ރުފިޔާއެވެ. އެހެންވެ، ބަޖެޓުގައި ޖެހި އަދަދަށް ފައިސާ ހޯދަން ދަތިވީ ކަމަށް ބެލެވެއެވެ.