ޑާކާ (29 ޑިސެމްބަރު 2025) : ބަންގްލަދޭޝްގައި ކުރިޔަށްއޮތް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) އަށް ހަނިކުރުމަށްޓަކައި އިލެކްޓޯރަލް އެލަޔަންސެއްގެ ގޮތުގައި ބަންގްލަދޭޝްގެ ޖަމާއަތޭ އިސްލާމީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް އެގައުމުގައި އަލަށް އުފެއްދި ކިޔަވާކުދިންގެ ޕާޓީ ކަމަށްވާ "ނެޝަނަލް ސިޓިޒަންޝިޕް ޕާޓީ" ން ނިންމައިފިއެވެ.
"ނެޝަނަލް ސިޓިޒަންޝިޕް ޕާޓީ" އަކީ މި އަހަރު އެ ގައުމުގައި އުފެއްދި ވަރަށް އައު ޕާޓީއެކެވެ. މި ޕާޓީ އުފެއްދީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމަކުން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި ކިޔަވާ ކުދިންނެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވާގޮތުގައި ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމުގައި ކިޔަވާކުދިން އިސް ދައުރެއް އަދާކުރިނަމަވެސް އެ ކުދިން އުފެއްދި "ނެޝަނަލް ސިޓިޒަންޝިޕް ޕާޓީ" އަށް އަދި ރައްޔިތުންގެ މާ ބޮޑު ތާއީދެއްނެތެވެ.
އަންނަ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބާއްވާނެކަން އިއުލާން ކޮށްފައިވާއިރު ބަންގްލަދޭޝްގައި ރައްޔިތުންގެ ތާއީދު އެންމެ ބޮޑުޕާޓީއެއްގެ ގޮތުގައި ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) އެވެ.

ޖަމާއަތޭ އިސްލާމީގެ ވެރިޔާ ޝަފީގުއްރަހްމާން
ޝައިޚް ހަސީނާގެ ޕާޓީކަމަށްވާ އަވާމީ ލީގަށް މި ފަހަރުގެ އިންތިޚާބުގައި އެއްވެސް ފުރުސަތެއް ނެތެވެ. އެއީ އެ ޕާޓީ ބަންގްލަދޭޝްގައި މިހާރު މަނާކޮށްފައިވާތީއެވެ. އަވާމީ ލީގް ޕާޓީގެ ލީޑަރުން ވިއްސި ވިހާލިވެފައިވާއިރު ޕާޓީގެ ސަޕޯޓަރުން ވަނީ ބައިބައިވެފައެވެ.
އަވާމީ ލީގް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބަށް ނުކުންނާނެ ކަމަށް ބެލެވިފައިވަނީ މިނިވަން ކެންޑިޑޭޓުން ނުވަތަ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައެވެ.
ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) ގެ ފަރާތުން ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެކަމަށް ބެލެވިފައިވަނީ ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހްމާން އެވެ. ސަތާރަ އަހަރު ގައުމުން ބޭރުގައި ދިރިއުޅުއްވުމަށްފަހު ތާރިގް ރަހްމާން މިދިޔަ ހަފުތާގައި ވަނީ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންފައެވެ.
އަވާމީ ލީގެކޭ އެއްގޮތަށް "ބީއެމްޕީ" މަޝްހޫރު ވެފައިވަނީ ކޮރަޕްޓް ޕާޓީ އެއްގެ ގޮތުގައެވެ. "ބީއެމްޕީ" ގެ ވެރިކަމުގައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފައިވެއެވެ. އެހެންކަމުން ގައުމުގެ ނަޒާހަތްތެރި އަދި ތައުލީމީ ގިނަ ފަރާތްތައް "ބީއެމްޕީ" އަށް ތާއީދު ނުކުރާ ކަމަށްވެއެވެ.
"ބީއެމްޕީ" ފަދަ ކޮރަޕްޓް ޕާޓީއެއް އިންތިޚާބު ކާމިޔާބު ކޮށްފިނަމަ ގައުމަށް ވާނީ ގެއްލުންކަމަށް ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމުގައި އިސް ދައުރެއް އަދާކުރި ކިޔަވާ ކުދިން ގެ ޕާޓީ ކަމަށްވާ "ނެޝަނަލް ސިޓިޒަންޝިޕް ޕާޓީ" ގެ ލީޑާޝިޕުން ދެކެއެވެ.
އެ ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ސަމަންތާ ޝަރުމީން ވިދާޅުވިގޮތުގައި ޖަމާއަތޭ އިސްލާމީ ޕާޓީއާ ގުޅެން ބޭނުންވަނީ ހަމައެކަނި އިންތިޚާބީ ބޭނުމަކަށެވެ. ޖަމާއަތޭ އިސްލާމީ ޕާޓީ އަކީ ޑިމޮކްރަސީގެ އުސޫލުތައް ގަބޫލުކުރާ ޒާތުގެ ޕާޓީއެއްކަމަށް ނުބެލެވޭތީއާއި އެއީ ސަލަފީ ފިކުރުގެ ހަރުކަށި ޕާޓީއަކަށްވާތީ އެ ޕާޓީއާ ގުޅިގެން ޑިމޮކްރަސީ ޕްރެކްޓިސް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް "ނެޝަނަލް ސިޓިޒަންޝިޕް ޕާޓީ" ގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ދެކޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ބީއެމްޕީގެ އިސްވެރި އެއްކަމަށްވާ ތާރިގް ރަހްމާން
ނަމަވެސް "ބީއެމްޕީ" އާ ކުރިމަތިލުމަށް ޖަމާއަތޭ އިސްލާމީ ޕާޓީއާ ގުޅުން ނޫންގޮތެއް މިވަގުތު ނެތްކަމަށް ސިޓިޒަންޝިޕް ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ގަބޫލުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖަމާއަތޭ އިސްލާމީ ޕާޓީން ނެރުނު ބަޔާނެއްގައި އިންތިޚާބީ ބޭނުމަށް "ބީއެމްޕީ" އާ ގުޅުމަށް އެ ޕާޓީގެ ލީޑަޝިޕުން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އަލަށް އުފެއްދި ކިޔަވާކުދިންގެ ޕާޓީ "ނެޝަނަލް ސިޓިޒަންޝިޕް ޕާޓީ"ގެ އިސްވެރިން ވިދާޅުވާގޮތުގައި އެ ޕާޓީއަކީ ބަންގްލަދޭޝްގެ ބޮޑު ދެ ޕާޓީން ގެންގުޅޭ ހުޅަނގުގެ ލާދީނީ ލެބެރަލް ފިކުރާ އަދި އިސްލާމް ދީނުގެ ނަމުގައި ޖަމާއާ އިސްލާމިއްޔާއިން ގެންގުޅޭ ސަލަފީ ހަރުކަށި ފިކުރާވެސް އިދިކޮޅު މެދުމިނުގެ ފިކުރުގެ ޕާޓީއެވެ.
ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) އާއި ޝައިޚް ހަސީނާގެ އަވާމީ ލީގްއަކީ ދީނާއި ދައުލަތް ވަކިކުރާ އިލްމާނީ ފިކުރުގެ ދެ ޕާޓީއެވެ.
ބަންގްލަދޭޝްގެ ގާނޫނު އަސާސީ ބުނާގޮތުން އެ ގައުމުގެ ވެރިކަމުގެ ނިޒާމަކީ ދީނާއި ދައުލަތް ވަކިކުރާ އަސާސްގެ މައްޗަށް ބިނާކޮށްފައިވާ ސެކިއުލާ ނިޒާމެކެވެ.
ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝްގައި ތިންވަނައަށް އެންމެ ތާއީދު ބޮޑީ ޖަމާއަތޭ އިސްލާމީ ޕާޓީއަށެވެ. ޝައިޚް ހަސީނާގެ ވެރިކަމުގައި ޖަމާއަތޭ އިސްލާމީ ޕާޓީ ވަނީ މަނާކޮށްފައެވެ.