ދަރިވަރަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓީޗަރާ ދެކޮޅަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފިއެވެ.
އުމުރުން އެންމެ 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ. މިއީ މާލޭގައި ހިނގި ހާދިސާއެކެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މާލޭގެ ސްކޫލެއްގައި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ ދަރިވަރަކަށް ޓިއުޝަން ނަގައިދޭން ގޮސް ކަމަށް ވެސް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ދައުލަތުން އެ ޓީޗަރާ ދެކޮޅަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ. މީގެ އިތުރުން ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މި ޓީޗަރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ދިގު މުއްދަތުގެ ޖަލު ހުކުމެއް އެ ޓީޗަރުގެ މައްޗަށް އަންނާނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ޓީޗަރުގެ މައްޗަށް ކުރާ ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައެވެ.
އާންމުގޮތެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ފުރިހަމަ ވަނަވަރެއް ފުލުހުން ހާމަ ނުކުރެއެވެ.