މި ސަރުކާރުން ވެރިކަމަށް އައިފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު, ޑރ ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލައަށް އެދިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާ ކުރާ އާއިލާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާ ކަމަށެވެ. މިނިސްޓްރީން މި އާއިލާތައް މޮނީޓާކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އާއިލާތަކުން ކުދިންނާ ދޭތެރޭ އާދަޔާޚިލާފަށް ހެޔޮކޮށް ކަމޭހިތާކަން ފާހަގަވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، މިނިސްޓްރީގެ ހިޔާވެހިކަމުގައި ދިރިއުޅޭ 110 ކުދިން އެކި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުދިން، އެކުދިންގެ އުފަން އާއިލާތަކާ ހަވާލުކޮށްފައިވާއިރު ދެން ތިބި ކުދިން އާ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު މައުލޫމާތުދެއްވިއެވެ.
"ކޮންމެ ކުއްޖަކަށް އާއިލާއެއް، ޕްރޮޖެކްޓުގެ ދަށުން 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާ ހިސާބަށް 110 ކުދިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަނބުރާ އެކުދިންގެ އާއިލާތަކަށް، އެހެންނޫނިއްޔާ އާ އާއިލާތަކަށް ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބައި ހިނގާ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް، އާންމު ދިރިއުޅުމަށް އަދި މަސައްކަތުގެ މާހައުލަށް ބޭނުންތެރި ހުނަރުތައް ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަހަރު ތެރޭގައި 23 ކުދިންނަށް އިންޓާންޝިޕް ޕްރޮގްރާމް ހިންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 40 ވަރަކަށް ކުދިންނަށް ލައިފް ސްކިލްސް ތަމްރީންތައް ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިންނެވެ. އެއީ 85 ފިރިހެން ކުދިންނާއި 71 ކުދިންނެވެ.
ކޮންމެ އަހަރެއްގައިވެސް ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދެއެވެ.
ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. އެއާއެކު، މި ސަރުކާރުން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން އާއިލާތަކާ ހަވާލުކުރުމަށް ހާއްސަ ފޮސްޓަރިން ޕްރޮގްރާމެއް ފަށާފައެވެ.