ނުގަވައިދުން ވިޔަފާރިކުރާ ބިދޭސީއެއްގެ އެކައުންޓުން މިލިއަނުން ދައުރު ކޮށްފައި، ބަންދަށް 15 ދުވަސް

ނުގަވައިދުން އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުން -- ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް, ގިނަ އަދަދެއްގެ ފައިސާ ދައުރު ކޮށްފައިވާ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށް, އިއްޔެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ލައިސެންސް ނުނަގާ ވިޔަފާރި ކުރާ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ, ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ, މުޙައްމަދު އިމޮން ކަޒި, 32 އެކެވެ.

އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުން އެނގޭގޮތުގައި, އޭނާ ހައްޔަރު ކުރަން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު ތުހުމަތު ކުރެވޭ ވަރަށް ވަނީ ހެކި ހުށަހަޅައިފައެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައި ބުނެފައި ވަނީ މި ބިދޭސީ މީހާގެ އެކައުންޓުން މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ.

އެ އިންޓެލިޖެންސް ރިޕޯޓަށް ބާރުދޭ ޑިޕޮސިޓް ސްލިޕްތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައިކަން ވެސް އަމުރުން އެނގެއެވެ. ނަމަވެސް އޭނާ ކުރާ ވިޔަފާރީގެ އެއްވެސް ތަފްސީލެއް އަމުރުން އެނގޭކަށް ނެތެވެ.

ފުލުހުން ތުހުމަތު ކުރާގޮތުގައި އޭނާ އެ ވިޔަފާރި ކުރަމުން އަންނަނީ އިތުރު ބައެއްގެ ބައިވެރިވުމާއެކުއެވެ.

comment ކޮމެންޓް