ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ސަޕޯޓިންގް ރޯލް ކުޅެމުން އަންނަ އެކްޓަރު ޝާދު ރާންދްވާއަށް ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމު "ޔޭ ޕްރޭމް މޯލް ކިޔާ"އިން ފުރުސަތު ލިބިއްޖެއެވެ.
ސޫރަޖްގެ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށްދެމުން ޝާދު ބުނީ، އެ ފިލްމުން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. ސޫރަޖް ފަދަ ތަޖުރިބާކާރު ފިލްމު ޑައިރެކްޓަރަކާ އެކު މަސައްކަތް ކުރުމަކީ ޝާދު އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކްޓަރެއްގެ ހައިސިއްޔަތުން ގިނަ ކަންކަން ދަސްކުރުމަށް އެއީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ޝާދު ވަނީ ބުނެފައެވެ.
މި ފިލްމުގައި ކުޅެން ލިބުނު ރޯލާ މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް 47 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް އެ ކެރެކްޓާގެ މާބޮޑު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ޝާދު އެކްޓަރު އަޔުޝްމާން ކުރާނާއާ އެކު--ފޮޓޯ/އެންޑީޓީވީ
ޝާދު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ފިލްމު "ސައްޔާރާ" އަދި "އޭކް ދިވާނޭކީ ދިވާނިއްޔަތު"ގެ ސަޕޯޓިންގް ރޯލްއިންނެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ދެ ފިލްމުކަމެވެ.
ޝާދު ހާއްސަ ރޯލަކުން ފެންނާނެ ފިލްމު "ޔޭ ޕްރޭމް މޯލް ކިޔާ" އަކީ ވަރަށް އާއިލާތެރޭގައި އޮންނަ ގާތް ގުޅުން ދައްކުވައިދޭނެ އާއިލީ ލޯތްބަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ އަޔޫޝްމަން ކުރާނާ އަދި ޝަރުވަރީ ވާގްއެވެ. މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ހޭރު ވެސް ފެންނާނެއެވެ.