ހޯރަފުށީގެ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށް ދެ ކާގޯ ފޮށިގަނޑު ވަގަށް ނަގައިފި

ހޯރަފުށި އެއާޕޯޓް: ފޮޓޯ: އާރްއޭސީއެލް

ހއ. ހޯރަފުށީ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ އޮފީހުން ރޭ ދަންވަރު ކާގޯ ދެ ފޮށިގަނޑު ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު "ސަން" އަށް ބުނީ މޯލްޑިވިއަންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއް، ރޭ ދަންވަރު 03:58 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެއާޕޯޓްތަކުގެ ސެކިއުރިޓީ ވަރުގަދަވާން ޖެހޭއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ބޮޑު ވައްކަމެއް ކޮށްފައިވެއެވެ.

އެގޮތުން، ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

comment ކޮމެންޓް