ޕްރައިމަރީގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓުލި، މިއީ އެތެރޭގެ ރެކޯޑެއް: ފަލާޙް

ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލަނީ: ޕްރައިމަރީގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓުލިއިރު މިއީ އެތެރޭގެ ރެކޯޑެއް ކަމަށް ފަލާހު ވިދާޅުވެއްޖެ -- ފޮޓޯ/ ޕީއެންސީ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓުލި ކަމަށާއި، މިއީ ސީދާ ޕްރައިމަރީއެއްގެ ރެކޯޑު ކަމަށް، އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފަށައި، ހަވީރު ހަތަރެއް ޖަހަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ފަހުން ވެސް ބައެއް ދާއިރާތަކުގެ މީހުން ކިޔޫގައި ތިބުމުން އެ މީހުންނަށް ވެސް ފުރުސަތު ދީފައިވެއެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން ފަލާޙު 'ސަން'އަށް ވިދާޅުވީ، ޕްރައިމަރީ ފެށިގެން ނިމުމާ ހަމައަށް ދިޔައީ ވަރަށް އަމާންކޮށް ކަމަށެވެ.

ޕީއެންސީގެ ޕީޖީ ލިޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު -- ސަން ފޮޓޯ/ މޫސާ ނަދީމް

"ވަރަށް އަމާންކޮށް ދިޔައީ، މާލޭގައި އެއްވެސް ރަށެއްގެ ފޮށި ނުބަހައްޓާ މިއޮތީ 11،300 އަށް ވުރެ ގިނަ މީހުން ވޯޓުލައިފަ، އެއީ މިއުޅޭ ކުދި ޕާޓީތަކުގެ ގާތްގަނޑަކަށް ހަތަރު ޕާޓީގެ އަދަދު، އެންމެ 44 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވީ، މިއީ ޕީއެންސީގެ އެތެރޭގެ ރެކޯޑެއް،" ފަލާޙު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލީ ކަމަށް ފަލާޙު ވިދާޅުވިއެވެ. ނަމަވެސް ރަށްރަށުގެ ފޮށިތައް މާލޭގައި ނުބެހެއްޓުމުން ބައެއް މެންބަރުންނަށް ޕްރައިމަރީގައި ވޯޓު ނުލެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަލާޙު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ޕްރައިމަރީގެ އިންތިޒާމުތައް ރަނގަޅު ކަމަށާއި، ޕާޓީގެ އެތެރެ އޮތީ 'ބަދަހިކޮށް' ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ވޯޓު ގުނުމުގެ މަސައްކަތް މާދަމާރޭގެ ނިޔަލަށް ގެންގޮސް، ދާއިމީ ނަތީޖާ އިއުލާނުކުރެވޭނެ ކަމަށް ފަލާޙު ވިދާޅުވިއެވެ.

ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެއެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ޕްރައިމަރީ ބާއްވަން އޮތީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ ހިތަދޫ، ސްޓާސް، ޑރ. އަހުމަދު ޢަދީލް ނަސީރާއި ހިތަދޫ، ތުނިޔަ، މުޝްރިފް ޢަލީއެވެ.

އެކަމަކު އޭގެ ތެރެއިން ޢަދީލް ނަން ނެންގެވުމުން، މުޝްރިފަށް ވަނީ ޓިކެޓު ކަށަވަރުވެފައެެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ. ފަލާޙު މިއަދު ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 73،000 އަށް މިހާރު އަރާނެއެވެ.

ދެވަނައަށް އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 16ގައެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.

comment ކޮމެންޓް