އަރައިގެން ހުރި ބޫޓުން ފެނުނީ ޑުރަގު: ބުނީ އަމިއްލަ ބޫޓެއް ނޫން ކަމަށާއި، އެއްޗެއް ހުރިކަން ނޭނގޭ ކަމަށް

މީހަކު މަގުމަތީގައި މަޑުކޮށްލައިގެން: އަރައިގެން ހުރި ބޫޓުން ފެނުނީ ޑުރަގު؛ ދިފާއުގައި ބުނީ، ބޫޓުގައި އެއްޗެއް ހުރިކަން ނޭނގޭ ކަމަށް

އަރައިގެން ހުރި ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުމުން، ބޫޓު ތެރޭގައި އެއްޗެއް ހުރިކަން ނޭނގޭ ކަމަށް ޝަރީއަތުގައި މީހަކު ބުނެފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މި މައްސަލައިގައި ހައްޔަރުކުރީ، ފުވައްމުލައް ސިޓީއަށް ނިސްބަތްވާ 42 އަހަރުގެ ފިރިހެނެކެވެ.

އެ ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް އަމުރުގައިވެއެވެ.

އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ ކޯޓު އަމުރުގައި ބުނި ގޮތުގައި، މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އަރައިގެން ހުރި ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ނުވަ ޕެކެޓު ފެނިފައިވާ ކަމަށެވެ.

އެ ކަމާ ގުޅިގެން މި މައްސަލައިގައި ހައްޔަރުކުރި މީހާ ދިފާއުގައި ބުނީ، އެ ބޫޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި ބޫޓު ތެރޭގައި އެއްޗެއް ހުރި ކަމެއް ނޭނގޭ ކަމަށެވެ. އަދި، ވަކީލަކު ބޭނުންނުވާ ކަމަށް އެ މީހާ ބުނެފައިވާކަން އަމުރުގައި ފާހަގަކުރިއެވެ.

އޭނާ ބަންދުކޮށްފައި ވަނީ، އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު، 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

އޭގެއިތުރަށް، އޭނާއަކީ، ވައްކަމާއި މަސްތުވާތަކެތީގެ ބަންދު ރެކޯޑު އޮތް މީހެއް ކަމަށް އަމުރުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖެއަށް ދިމާވެފައިވެފައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި ފަދަ މައްސަލަތަކުގައި ވަރަށް އާންމުކޮށް މީހުން ހައްޔަރު ކުރެއެވެ.

comment ކޮމެންޓް