ރަޖްނީކާންތުގެ 'ޖެއިލާ 2'އިން ޝާހްރުކް ވެސް ފެންނާނެ؟

ސައުތު ސިނަމާގެ އެކްޓަރު ރަޖްނީކާންތު އަދި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ސައުތު ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރަޖްނީކާންތުގެ ފިލްމު "ޖެއިލާ 2"ގެ ރޯލަކުން ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ފެނިދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމު "ޖެއިލާ 2"އިން ޝާހު ފެނިދާނެ ކަމަށް ރިޕޯޓުތަކުން ބުނެފައި މިވަނީ އެ ފިލްމުގެ ޚާއްސަ ރޯލެއް ކުޅޭ އެކްޓަރު މިތުން ޗަކްރަބަތީ ދާދިފަހުން މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި މިތުން ބުނީ "ޖެއިލާ 2"އިން އިންޑިއާގެ މެގަސްޓާރަކު ފެންނާނެ ކަމަށާއި އެއީ ބެލުންތެރިންނަށް ދޭ ވަރަށް ބޮޑު 'ސަޕްރައިޒެއް' ކަމަށެވެ.

ނަމަވެސް މިހާތަނަށް ފިލްމުގެ ޑައިރެކްޓަރު ނެލްސަން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނެތެވެ. މިތުން ބުނެފައިވާ ގޮތުގައި "ޖެއިލާ 2"އިން މިތުންއާ ދެކޮޅަށް ފެންނާނެ ތަރިންގެތެރޭ ރަޖްނީކާންތުގެ އިތުރުން ސައުތު އެކްޓަރު މޯހަން ލާލް، ރާމްޔާ ކްރިޝްނަން، ޝިވާ ރާޖްކުމާރު އަދި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ވެސް ހިމެނޭނެއެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ މި ފިލްމުގައި ޝާހު ފެންނާނީ ޚާއްސަ ފެނިލުމަކުން ކަމަށެވެ.

ރަޖްނީކާންތު އަދި ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޖެއިލާ 2" އަކީ 2023 ވަނަ އަހަރު ރިލީޒްކުރި ރަޖްނީކާންތުގެ ބްލޮކްބާސްޓަ ފިލްމު "ޖެއިލާ"ގެ ސީކުއަލްއެކެވެ. ސައުތު އިންޑިއާގެ އެންމެ ކާމިޔާބު އަދި ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ރަޖްނީކާންތުގެ "ޖެއިލާ 2"ގެ ވަރަށް ޚާއްސަ ލަވަޔަކުން ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތެހީ ފެންނާނެކަން ވެސް ދާދިފަހުން އެ ފިލްމުގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރަޖްނީކާންތުގެ ފިލްމު "ޖެއިލާ 2"އިން ޝާހު ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދާދިފަހުން ރިލީޒްކުރި ރަޖްނީކާންތުގެ ފިލްމު "ކޫލީ"އިން ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް