އިންޑިއާއިން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ފޮނުވާ ފިލްމު "ހޯމްބައުންޑް"ގައި ގެނެސްދިން ވާހަކައަކީ ކޮޕީއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް، ފިލްމު ގެނެސްދިން ދަރުމާ ޕްރޮޑަކްޝަންސްއިން ރައްދުދީފިއެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސަރުންގެ ޓީމުގައި ހިމެނޭ "ހޯމްބައުންޑް"އަކީ 2021 ވަނަ އަހަރު ހަމަ އެ ނަމުގައި އިންޑިއާގެ ނޫސްވެރިޔާ ޕޫޖާ ޗަންގޮއިވާލާ ނެރުނު ފޮތުގެ ކޮޕީއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޕޫޖާ މިގޮތަށް ދައުވާކޮށްފައި ވަނީ "ހޯމްބައުންޑު" އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗަ ފިލްމު ކެޓަގަރީއަށް ޝޯޓްލިސްޓް ކުރިކަން އިއުލާނު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ޕޫޖާގެ ފަރާތުން ދަރުމާއަށް ލީގަލް ނޯޓިސްއެއް ވެސް މިހާރު ފޮނުވާފައިވާއިރު "ހޯމްބައުންޑް"ގެ ދެވަނަ ހާފުގައި ހިމެނޭ ވަރަށް ގިނަ މަންޒަރުތަކާއި ޑައިލޮގްތައް އަދި ނެރޭޝަންތަކަކީ ލިޔުންތެރިޔާގެ ވާހަކައިން ނަކަލުކޮށް ބޭނުންކޮށްފައިވާ ބައިތަކެއް ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ހޯމްބައުންޑް"ގެ ޑައިރެކްޓަރު ނީރަޖް--ފޮޓޯ/މިޑް-ޑޭ
މިކަމާ ގުޅިގެން ދަރުމާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފިލްމު "ހޯމްބައުންޑް"އަކީ ކޮޕީއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
މިޑް-ޑޭއިން ހިއްސާކުރި ދަރުމާގެ ބަޔާނުގައި ބުނެފައިވާ ގޮތުން "ހޯމްބައުންޑް" އަކީ އެމެރިކާގެ ނޫހެއް ކަމަށްވާ ނިއު ޔޯކް ޓައިމްސްގައި ބަޝާރަތު ޕީރް ޝާއިއުކުރި "އަ ފްރެންޑްޝިޕް، އަ ޕެންޑެމިކް އެންޑް އަ ޑެތު ބިސައިޑްސް އަ ހައިވޭ"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ކަޝްމީރަށް ނިސްބަތްވާ ބަޝާރަތުގެ އެ ލިޔުމަށް ބިނާކޮށް "ހޯމްބައުންޑް" އުފެއްދީ ގާނޫނީ ގޮތުން ނިންމަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު ކަމަށާއި އެހެންވެ ދަރުމާގެ ފިލްމަކީ ނަކަލެއް ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ދަރުމާއިން ވަނީ ބުނެފައެވެ.
ނޫސްވެރިޔާ ޕޫޖާގެ ފަރާތުން "ހޯމްބައުންޑް" ފިލްމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޮމްބޭ ހައިކޯޓަށް ފޮނުވުމުގެ ކުރިން އެކަން ދަރުމާ ކުންފުންޏަށް އެނގިފައިވާ ކަމަށާއި އެހެންވެ އެ ކުންފުނީގެ ގާނޫނީ ޓީމުން އެ މައްސަލައަށް ރައްދުދީފައިވާ ކަމަށް ވެސް ދަރުމާގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވަރަށް ގިނަ ބެލުންތެރިންގެ ލޯބި އޮއްސާލި ފިލްމު "ހޯމްބައުންޑް" އަކީ ނީރަޖް ގިވާން ދަރުމާ ޕްރޮޑަކްޝަންސްއަށް ޑައިރެކްޓްކޮށްދީފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިފައި ވަނީ އިޝާން ހައްތަރު، ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރެވެ.