ޗެޓްޖީޕީޓީގެ މިޒާޖާއި ވާހަކަދައްކާ ރާގު ބަދަލުކުރެވޭ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ އޯޕަން އޭއައިއިން ޗެޓްޖީޕީޓީއިން "ކެރެކްޓަރިސްޓިކްސް"ގެ ނަމުގައި ތައާރަފުކުރި މި ފީޗާއަކީ ޗެޓްޖީޕީޓީއާ މުއާމަލާތްކުރާއިރު ބޭނުންކުރާ ބަސްމަގު އިތުރަށް ފުރިހަމަކޮށް، ކޮންމެ މީހަކުވެސް ބޭނުންވާ ފަދަ ގޮތަކަށް އޭއައި ބައްޓަންކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ތައާރަފުކުރި ފީޗާއެކެވެ.
މި އާ ފީޗާގެ ދަށުން ޗެޓްޖީޕީޓީގެ ހަތަރު ސިފައަކަށް ބަދަލު ގެނައުމުގެ އިޚުތިޔާރު ބޭނުންކުރާ ފަރާތްތަކަށް ލިބެއެވެ. އޭގެ ތެރޭގައި ވާހަކަދައްކާއިރު ބަހައްޓާ ގާތްކަން ނުވަތަ ވޯމްތު، ފޯރި ނުވަތަ އެންތޫސިއޭޒަމް، ލިސްޓުތަކާއި ހެޑިންތައް ބޭނުންކުރާ މިންވަރު އަދި މެސެޖުތަކުގައި ހިމަނާ އިމޯޖީގެ މިންވަރު ހިމެނެއެވެ.
މި ސިފަތައް ބަދަލުކުރުމަށް "މޯ" (އިތުރަށް)، "ޑީފޯލްޓް" (އާދައިގެ) އަދި "ލެސް" (މަދުން) މި ތިން ގޮތް ބޭނުންކުރެވޭނެ ކަމަށް އޯޕަން އޭއައި އިން ބުނެއެވެ.
މިސާލަކަށް ވޯމްތު ނުވަތަ ގާތްކަން އިތުރުކުރުމުން ޗެޓްޖީޕީޓީގެ ޖަވާބުތައް މާ ބޮޑަށް އެކުވެރިކޮށް ހުންނައިރު، އެބައި މަދުކުރުމުން ޖަވާބުތައް ހުންނާނީ މާ ބޮޑަށް ރަސްމީކޮށް އަދި ހަމައެކަނި މައުލޫމާތަށް ބިނާކޮށެވެ. ހަމައެފަދައިން އެންތޫސިއޭޒަމް އިތުރުކުރުމުން ޗެޓްޖީޕީޓީގެ ވާހަކަދެއްކުން މާ ފޯރިގަދަވެފައި ހަކަތަ ހުރިކަމަށް ދައްކާނެއެވެ.
އޯޕަން އޭއައި އިން ހާމަކުރި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ޗެޓްޖީޕީޓީގެ ތޫނުފިލިކަމަކަށް ނުވަތަ މައުލޫމާތުގެ ސައްހަކަމަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. ބަދަލުވާނީ ހަމައެކަނި އެ މައުލޫމާތެއް ފޯރުކޮށްދޭ ސްޓައިލް ނުވަތަ ގޮތް ކަމަށާއި، މި ފީޗާގެ އަސަރު އެންމެ ބޮޑަށް ފާހަގަވާނީ އާދައިގެ ވާހަކަތައް ދައްކާއިރު ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި ޗެޓްޖީޕީޓީގެ ސެޓިންސްގެ ތެރެއިން ޕާސަނަލައިޒޭޝަން ބަޔަށް ގޮސް ކެރެކްޓަރިސްޓިކްސް ޚިޔާރުކުރެވޭނެއެވެ. މިއީ މީގެ ކުރިން ޗެޓްޖީޕީޓީގައި ބޭނުންކުރާ އަށް އަޑުގެ އިތުރުން، އެ އަޑުތަކުގެ މިޒާޖު އިތުރަށް ފުރިހަމަކުރުމަށް ތައާރަފުކުރި އާ ފީޗާއެކެވެ.
ޗެޓްޖީޕީޓީގެ މި އާ ބަދަލަކީ، ކޮންމެ މީހެއްގެވެސް އަމިއްލަ ބޭނުންތަކާ ގުޅޭގޮތަށް ބަދަލުކުރެވޭ އެހީތެރިއަކަށް މި އޭއައި ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެކެވެ. ނަމަވެސް، އިމޯޖީ ބޭނުންކުރާ މިންވަރު މަދުކުރެވުނު ކަމުގައިވިޔަސް، އިމޯޖީ ބޭނުންކުރުން މުޅިން ހުއްޓާލެވޭނެ އޮޕްޝަނެއް އަދި މި ފީޗާގައި ނުހިމެނޭކަން އެ ކުންފުނިން ވަނީ ބުނެފައެވެ.