އިސްލާމީ އުންމަތް މިއަދު ވެއްޓިފައިވާ ފުން ވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "އިސްލާމީ ޙަޟާރަތުގެ ރަންޒަމާން"، މި މައުޟޫއުގެ މައްޗަށެވެ.
އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަގާފަތާއި، އުސޫލުތަކާއި، ހަމަތަކުގެ މަތީގައި ތިބެ، ރޫހާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާއީ، ސިޔާސީ، އަސްކަރީ، އިގުތިސާދީ، އުމްރާނީ އަދި އިލްމާއި ފަންނުވެރިކަމުގެ ގޮތުން ވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ.
ޚުތުބާގައި ބުނީ، އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާއަށް ވަޙީ ބާވައިލައްވާން ފެށުނު ހިސާބުން ކަމަށެވެ. އަދި އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައި ކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ އަގީދާއާއި، ޝަރުއީ ހުކުމްތަކާއި، ރިވެތި އަޚުލާގު ހިމެނެއެވެ. އޭރު ބިން އާރާސްތުކުރުމާއި އިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ގަބޫލުކުރި ކަމަށް ޚުތުބާގައި ބުންޏެވެ. ނަތީޖާއަކީ، މުސްލިމުން އުމްރާނީ ގޮތުންނާއި އިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދުން ކަމަށް ޚުތުބާގައި ބުންޏެވެ.
މި ކައުނުގައި މާތްﷲ ލައްވާފައިވާ ކަންކަމާއި، ތަފާތު އެކި މަޚުލޫގުންނާ މެދު ވިސްނާ ފިކުރުކުރުމަށް ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ނުހަނު ޅަ އުމުރުގައި ޤުރުއާނާއި ޙަދީޘް އިލްމު އުނގެނި، އޭގެ އިތުރަށް ދުންޔަވީ އިލްމުގެ ހޯދުންތަކަށް އެ ޒަމާނުގައި ވަގުތުތައް ހުސްކުރި ކަމަށެވެ. އެއީ އަމިއްލަ ވާޖިބެއްކަމުގައި ދެކިގެންނެވެ.
މިއަދު އަހަރެމެންގެ ޙާލަތާ މެދު ވިސްނައިލާ! ހަމައެކަނި ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ، ޣާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން އަހަރެމެންގެ ތެރޭގައި އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް!ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ، އޭރުގެ ބޭސްވެރިކަމުގެ ދާއިރާއަށް ބަލާނަމަ، މި ޒަމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފެށީ ވެސް މުސްލިމުން ކަމަށެވެ.
ބޭސްވެރިކަމުގެ އިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްސަވެ، ފަރުވާކުރާން ފެށީ ވެސް ހަމަ މުސްލިމު ޑޮކްޓަރުން ކަމަށާއި މި ޒަމާނުގައި ސާޖަރީކުރާ ފަދައިން، ސާޖަރީކުރާން ވެސް އެންމެ ފުރަތަމަ ފެށީ މުސްލިމުން ކަމަށް ޚުތުބާގައި ބުންޏެވެ.

އިސްލާމީ މަރުކަޒަށް ބަޔަކު ނަމާދަށް އަރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މުސްލިމުން ތަފާތު އިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ، އިސްލާމީ ސަގާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، އެބައިމީހުންގެ ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ ގެންނަވާފައިވާ ހުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިކަން ފަހަގަކުރިއެވެ.
ނަމަވެސް، އިސްލާމީ އުންމަތް މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް ޚުތުބާގައި ބުންޏެވެ.
އެހެންކަމުން މި ހާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫއަވެ، އިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަގާފަތްތައް މަސްހުނިވަމުން އަންނައިރު، އެބައިމީހުންގެ އީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެ އުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް. މުސްލިމުން ފާހަގަކުރާ އީދުތަކުގައި އެބައިމީހުންގެ ސަގާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމެއް. އެކަލޭގެފާނު ހަދީޘްކުރައްވައިފައިވޭ. "ބަޔަކު މީހުންނާ ވައްތަރުވެގަތް މީހާ ވަނީ އެ ބަޔެއްގެ ތެރެއިން،"ހުކުރު ޚުތުބާ
އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވެ ހަގީގީ މުސްލިމުންގެ ގޮތުގައި ސާބިތުވެ ތިބުމަށް ހުކުރު ޚުތުބާގައި ވަނީ މިއަދު ނަސޭހަތްތެރިވެފައެވެ.