އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބާލާޖީއިން ގެނެސްދެމުން އަންނަ ސީރީސް "ނާގިން"ގެ ހަތްވަނަ ސީޒަން މާދަމާ ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.
ބާލާޖީން ގެނެސްދެމުން އަންނަ މި ސުޕަނެޗުރަލް ސިލްސިލާގެ ޕްރޮމޯތަކެއް ވެސް ކަލަސްއިން ވަނީ ދައްކަން ފަށާފައެވެ. ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ނާގިން" އަކީ ހަރުފަޔަކަށް ބަދަލުވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާ ޑްރާމާއެކެވެ. ހަތްވަނަ ސީޒަންގެ ލީޑް ބަތަލާގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނީ މަޝްހޫރު ޓެލެވިޒަން ބަތަލާ ޕްރިޔަންކާ ޗާހަރް ޗައުދަރީއެވެ.
މި ސިލްސިލާގެ ހަތްވަނަ ސީޒައިން ގެނެސްދޭން ނިންމާފައިވަނީ މި އަހަރު އިންޑިއާގައި ކުރިއަށްދިޔަ "މަހާކުމްބް 2025"ގެ ތީމަށް ޚާއްސަކޮށްފައެވެ.

ޓެލެވިޒަން ބަތަލާ ތޭޖަސްވީ "ނާގިން"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ޕްރިޔަންކާގެ އިތުރުން "ނާގިން 7"އިން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ނަމިކް ޕޯލް، ބީނާ ބެނަޖީ، ކަރަން ކުންދުރާ، ތެޖަސްވީ ޕަރަކަޝް، އެލައިސް ކޯޝިކް އަދި ރޫހީ ޗަތުރުވެދީ ހިމެނެއެވެ.
ކަލަސްއާއި ޖިއޯހޮޓްސްޓާއިން "ނާގިން 7" އަންނަ ހޮނިހިރު ދުވަހު ޕްރީމިއާ ކުރާއިރު ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު ވެސް މި ސިލްސިލާ ބެލުންތެރިންނަށް ގެނެސްދޭނެއެވެ.
މި ސީރީސް ދައްކާ ވަގުތަކީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެރޭ ރާއްޖޭ ގަޑިން ރޭގަނޑު 7:30ގައެވެ. "ނާގިން"އަކީ 2015 ވަނަ އަހަރުން ފެށިގެން ބާލާޖީން ގެނެސްދެމުން އަންނަ ސިލްސިލާ ޑްރާމާއެކެވެ. މި ސިލްސިލާ އެންމެ ފުރަތަމަ ގެނެސްދިންއިރު ލީޑް ބަތަލާގެ ގޮތުގައި ފެނުނީ މޯނީ ރޯއިއެވެ.