އަންނަ އަހަރު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ދްރިޝްޔަމް 3"ގެ ރޯލެއް އެކްޓަރު އަކްޝޭ ކަންނާއަށް ހުށަހެޅި ނަމަވެސް އަކްޝޭ ވަނީ އެ ފުރުސަތު ދޫކޮށްލާފައި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަކްޝޭ "ދްރިޝްޔަމް 3" ދޫކޮށްލީ އެކްޓަރަށް ހުށަހެޅި ފީއާ ގުޅޭގޮތުން އުފެދުނު ދެބަސްވުންތަކަކާ ހެދި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
އަކްޝޭ ޚާއްސަ ރޯލެއް ކުޅުނު ފިލްމު "ޗާވާ"ގެ ކާމިޔާބީއަށް ފަހު ދާދިފަހުން ރިލީޒްކުރި ފިލްމު "ދުރަންދަރު"ގައި އެކްޓަރު ކުޅުނު ރޯލަށް ލިބެމުން އަންނަ ތަރުހީބާ އެކު ވަރަށް ބޮޑު މަޝްހޫރުކަމެއް އަކްޝޭއަށް އަންނަނީ ލިބެމުންނެވެ. އެހެންވެ، އަކްޝޭ ދެން ސޮއިކުރާ ފިލްމުތަކުގެ ފީއަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ދްރިޝްޔަމް 2"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ދުރިޝްޔަމް 3"ގައި އަކްޝޭ ކަންނާ ހިމެނޭކަން މީގެ ކުރިން ހާމަކޮށްފައިނުވާއިރު ބައެއް މީޑިއާތަކުން ބުނެފައިވަނީ ފައިސާއަށްވުރެ ބޮޑަށް އަކްޝޭއަށް ހުށަހަޅާފައިވާ ރޯލާ ގުޅޭގޮތުން ފިލްމު ޕްރޮޑިއުސަރާ އެކްޓަރާ ދެމެދު ދެބަސްވުން އުފެދުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.
އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެމުން އަންނަ "ދްރިޝްޔަމް"ގެ އެންމެ ފަހު ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހެވެ.
ފިލްމު "ދުރިޝްޔަމް" އަކީ މަޅަޔާލަމް ޑައިރެކްޓަރު ޖީތޫ ޖޯސެފްގެ އަމިއްލަ ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަމަ އެ ނަމުގައި ގެނެސްދެމުން އަންނަ ފިލްމުގެ ހިންދީ ރިމޭކްއެކެވެ. އަކްޝޭ ކަންނާ ވަނީ ހިންދީ ފްރެންޗައިސްގެ ދެވަނަ ފިލްމުގެ މުހިއްމު ރޯލަކުން ފެނިފައެވެ.