ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ކުށުގެ ރެކޯޑު އޮތް ތިން މީހަކު މާލޭން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހު ހަވީރު 4:15 ހާއިރު، ގުރޫޕު ހަދައިގެން ތިބި ބަޔަކު ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ޝައްކުކުރެވޭތީ ބަލައި ފާސްކުރަން މަސައްކަތްކުރި ކަމަށެވެ.
އެ މަސައްކަތް ކުރަން އުޅުނު ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގި ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ފުލުހުން ވަނީ، ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނަކާއި، ގދ. ވާދުއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އޭގެ ތެރެއިން 22 އަހަރުގެ މީހާ ފަސް ދުވަހަށް، 30 އަހަރުގެ މީހާ ދެ ދުވަހަށް، އަދި 19 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އެންމެންގެވެސް ކުށުގެ ރެކޯޑު އެބައޮތް ކަމަށް، ފުލުހުން ބުންޏެވެ.