އެސްއެމްއީ ޑިޖިޓަލްއިން ކަނޑު އުޅަނދު ގަންނަން ޚާއްސަ 'ވެސަލް ފައިނޭންސިން' ތައާރަފުކޮށްފި

އެސްއެމްއީ ޑިޖިޓަލްއިން 5 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭ "ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި---ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، 'ވެސަލް ފައިނޭންސިން'ގެ ނަމުގައި އާ ފައިނޭންސިން ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފިއެވެ.

މި ފައިނޭންސިންގެ ދަށުން ފަސް މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ، މި ފައިނޭންސިންގެ ދަށުން ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ޓަކައި 10 އަހަރާ ހަމައަށް، ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ހަމަޖެއްސޭނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި 18 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ، މި އައު ފައިނޭންސިން ފަރުމާކޮށްފައިވަނީ ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފެށުމުގެ ގޮތުން ކަމަށެވެ. އަދި، މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް، އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް މި ފްރޮޑަކްޓް ފަރުމާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްއެމްއީ ޑިޖިޓަލްއިން އިތުރަށް ބުނީ މި ފައިނޭންސިން މެދުވެރިކޮށް މަސްވެރިކަމާއި ފަތުރުވެރިކަމާއި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާ އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން---- ފޮޓޯ/ ބީއެމްއެލް

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންއަކީ ރާއްޖޭގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ. މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިން ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށް ވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގުތިސާދު ހަރުދަނާކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން،" ބަދުރުއްދީން ހަސަން ވިދާޅުވެފައިވެއެވެ.

އެ ކުންފުނިން ވަނީ މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

comment ކޮމެންޓް