ބުނީ ރައްޓެއްސަކު ދިން ސައިކަލެކޭ، އެކަމަކު ވެރިމީހާއަށް ނޭނގޭ

މާލޭ ޕާކިންއެއް: ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، އެއީ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކުރީ ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާގޮތުން ސީނަށް ދިޔަ ފުލުހުން އެ މީހާއާ ސުވާލުކުރުމުން އެއީ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށް ވަނީ ބުނެފައެވެ. އެކަމަކު، އެ ރަހުމަތްތެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާއަށް ނުދެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ސައިކަލުގެ ވެރިފަރާތުން އެހެން މީހަކަށް ސައިކަލު ދުއްވުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައިވެއެވެ. އެހެންވެ، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކޮށްފައެވެ.

https://sun.mv/215723

ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަކީ މީގެ ކުރިން ވެސް މި ބާވަތުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި، ކުށުގެ ރިކޯޑު ވެސް އޮތް މީހެކެވެ.

މި ފަހުން ވައްކަން ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު މާލެއިން ހުށަހެޅި މައްސަލައިގެ 41 އިންސައްތައަކީ ވައްކަމުގެ މައްސަލަތަކެވެ. އެފަދަ ކުށްތައް ތަކުރާރުކޮށް ކުރާ 1،000 އެއްހާ މީހުން އުޅޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ހުށަހެޅި 41 އިންސައްތަ ވައްކަމުގެ މައްސަލައިގެ ތެރެއިން 67 އިންސައްތައަކީ ސައިކަލު ވައްކަމެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލު ވަގަށް ނަގަން މެދުވެރިވާ އެންމެ އާންމު ސަބަބަކީ ސައިކަލުގެ ޝަޓާލޮކް ތަޅުނުލާ ހުރުމެވެ. އެހެންވެ، ތަޅުދަނޑިއެއް ޖަހާލައިގެން އެ ވަގަށް ނެގުމުގެ ފުރުސަތު ބޮޑުވާތީ އެ ކަމަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް