އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި" އިއްޔެ ފަށައިފިއެވެ.
ރިވެލިއަކީ ކޮންމެ އަހަރެއްގެވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަނެކެވެ.
މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަން އިއްޔެ ފަށައިފައިވާއިރު، އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހަށްވާ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" އިއްޔެ 15:00 ގައި ފަށާފައިވާ ކަމަށެެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެއެވެ.

ފުލުހުން މަގުމަތީގައި: މަގުމަތީގައި އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ފުލުހުން
މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ގާއިމުކޮށް މީހުންނާ ސުވާލުކޮށް، އުޅަނދުތައް ޗެކްކުރާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ވައްކަމާއި ފޭރުން ހުއްޓުވުމާއި ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ސައިލެންސަރު މޮޑިފައިކޮށް، އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމުގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭ ކޮންމެ މީހަކު ވެސް ހުއްޓުވައި ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އާ އަހަރާ ދިމާކޮށް ފުލުހުން މީގެ ކުރިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި ވެސް، ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ހޯދައިފައިވެެއެވެ.