ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައި އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި، ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ ކަމަށް އޭނާ ބުނި ނަމަވެސް، އޭނާގެ މައްޗަށް ބޮޑު ހުކުމެއް އިއްވައިފިއެވެ.
މިއީ 2019 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައި އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ 275،847 ރުފިޔާ، އެ ފައިސާ ހިފައިގެން ދިޔަ ތ. ތިމަރަފުށީ އިރުފުހޭގޭ، ފަތުހުﷲ ޖަމީލް އަތުން ފޭރިގެން ކަމަށް އޭނާ ބުނާ މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. ފޭރިގެން ކަމަށް އޭނާ ބުނާ ފައިސާއަކީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިގެ އެ ހާދިސާ ހިނގި ހަފުތާގެ ބަންދުގައި ޕެޓްރޯލް އަޅައިދީގެން ލިބުނު ރުފިޔާއެވެ.
ފުލުހުން މި މައްސަލައިގައި އޭރު ބުނެފައިވަނީ ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހުންނަ އިސާލްމިކް ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ މީހާގެ މޫނަށް "މޫވް" ސްޕްރޭ ޖަހައި، ދެ މީހަކު ފައިސާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އޭނާގެ މޫނަށް ސްޕްރޭ ޖެހީ ސެންޓްރަލް މޯލް ކައިރިން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
މި މައްސަލަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނިންމިއިރު، ޝަރިއަތުގައި ވެސް އޭނާވަނީ އޭނާގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާއަށް އިންކާރުކޮށްފައެވެ. ޝަރިއަތުގައި ވެސް އޭނާ ބުނީ، އޭނާ ވައްޓާލައި، މޫނަށް ސްޕްރޭ ޖެހުމަށް ފަހު ބަޔަކު ފައިސާ ފޭރުނީ ކަމަށެވެ.
އެކަމަކު، ހާދިސާ ހިނގިތަނަށް ފުލުހުން ދިޔައިރު ވެސް ފައިސާ ފޭރުނުކަން އެނގޭނެ ފަދަ ކަމެއް އެ ތަނުން ނުފެނުނު ކަމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޭނާ ވައްޓާލި ކަމަށް ބުނި ނަމަވެސް ކުޑަމިނުން އެ ކަހަލަ ކަމެއްގެ އަސަރު ވެސް ފެންނަން ނެތް ކަމަށް ރިޕޯޓުގައި ބާޔަންކޮށްފައިވެއެވެ. މައްސަލަ ފުލުހުން ރަޖިސްޓްރީކުރީ ވެސް ޚިޔާނާތުގެ މައްސަލައެއްގެ ގޮތުގައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މައްސަލަ ބެއްލެވި ގާޒީވަނީ އެ ހުކުމް 23 ދުވަހަށް ބަދަލުކޮށް، ޖޫރިމަނާކޮށްފައެވެ. އަދި، އެ 23 ދުވަހަށްވުރެ ގިނަ ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އިތުރަށް އޭނާގެ ތަންފީޒުކުރަން ޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ނިންމައި، ގާޒީ އިބްރާހީމް އިހްސާން ވަނީ އޭނާ 287،400 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި ފައިސާ ދައްކަން ޖެހެނީ 48 މަސް ދުވަހުންނެވެ.