އައްޑޫ ސިޓީ، ހިތަދޫން ވަގަށް ނެގި އޭސީއަކާއި، ވޯޓާ ޑިސްޕެންސަރެއްގެ އިތުރުން ދެ ސްޕީކަރު ހިތަދޫ ފުލުހުން ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ސ. ހިތަދޫގައި ހުންނަ 'އެވްރިވަން ލާނިން ސެންޓަރު' ފަޅާލައި، އެތަނުން ވައްކަންކޮށްފައިވާ މައްސަލަ ހިތަދޫ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއެކު ހިތަދޫ ފުލުހުން ކުރި މަސައްކަތުން، އެތަނުން ވަގަށް ނަގާފައިވާ އޭސީއަކާއި ދެ ސްޕީކަރާއި، ވޯޓާ ޑިސްޕެންސަރެއް ވަނީ ހޯދައިފައެވެ. އަދި އެތަކެތި ހަމަ އެ ދުވަހު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫގައި މިފަދަ ވައްކަމުގެ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
އެގޮތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑުތަކަކާއި ކުރުނބާތަކެއްގެ ވެރި ފަރާތް ހޯދަން, ރޭ ވެސް އައްޑޫ ސިޓީ ފުލުހުން އިއުލާނުކުރިއެވެ. އަދި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 13 ކެޔޮގަނޑުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފައިވެއެވެ. އަދި ހަމައެގޮތަށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދުމަށް ވެސް ހޮނިހިރު ދުވަހު ފުލުހުން އިއުލާންކޮށްފައިވެއެވެ.