ދަތިކަމެއް ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން ސިޔާސީ މުވައްޒަފުންނާއި ޚަރަދުގެ ތަފުސީލު ނުދިން

އިކޮނޮމިކް މިނިސްޓަރު ސައީދާއި ރައީސް މުއިއްޒު: މިނިސްޓްރީން ވަނީ ދަތިވާ ކަމަށް ބުނެ، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައިފަ ---- ފޮޓޯ/ ރައީސް އޮފީސް

އެދިފައިވާ މައުލޫމާތު ފޯރުކޮށްދިނުމަކީ "ދަތިކަމެއް" ކަމަށް ބުނެ، އިކޮނޮމިކް މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން އެ މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވަނީ، މި ސަރުކާރު ހަވާލުވި ދުވަހުން ފެށިގެން ސިޔާސީ މުވައްޒަފުން ހިމެނޭހެން އިކޮނޮމިކް މިނިސްޓްރީގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާއި އެކި މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ މުވައްޒަފުންގެ މައުލޫމާތު ހޯދަން އެދިފައެވެ.

އެގޮތުން، އެ މުވައްޒަފުން އައްޔަންކުރި ތާރީޚާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، މުވައްޒަފުން ނަގާފައިވަނީ އާންމުކޮށް އިއުލާނުކުރުމަށް ފަހުތޯ ނޫންތޯވެސް، 'ސަން'އިން ހޯދަން އެދުނު މައުލޫމާތުގައިވެއެވެ. އޭގެ އިތުރަށް މަހުން މަހަށް ވަކިވި މުވައްޒަފުންގެ ތަފުސީލާއި، މިނިސްޓްރީއަށް ދޫކޮށްފައިވާ ބަޖެޓުން މުސާރައަށާއި މުވައްޒަފުންގެ ތަމްރީނުތަކަށާއި ދަތުރުތައް ހިމެނޭހެން ކުރި ޚަރަދުގެ ތަފްސީލު ހާމަކުރުމަށް ވެސް އެދިފައިވެއެވެ.

ހަމައެއާއެކު މިނިސްޓްރީން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ބިލުތަކާއި، މިނިސްޓްރީއަށް ނެގި ކޮންސަލްޓަންޓުންނާއި، މިނިސްޓަރު މުޙައްމަދު ސަޢީދާއި އެ މިނިސްޓްރީގެ އިސްވެރިން ކުރެއްވި ވަކިވަކި ދަތުރުތަކަށް ހިނގި ޚަރަދުތަކާއި، މިނިސްޓްރީއަށް އެކި އެކި ޕްރޮގްރާމްތަކާއި ރާއްޖެއާއި ބޭރުގެ އެހީގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލު ވެސް، 'ސަން'އިން ހޯދަން އެދުނު މައުލޫމާތުގެ ތެރޭ ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މިނިސްޓްރީން ވަނީ "ދަތި"ކަމަށް ބުނެ، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ހިފަހައްޓައިފަ --- ސަން ފޮޓޯ/ މޫސާ ނަދީމް

އަދި، މި ސަރުކާރު ހަވާލުވުމަށްފަހު މިނިސްޓްރީގެ އެތެރޭގައި ހިންގި އޮޑިޓުތަކުގެ ރިޕޯޓުތަކުގެ ތަފުސީލާއި، މިނިސްޓްރީއާ ދެކޮޅަށް ކުރި ޝަކުވާތައް ހިއްސާކުރުމަށް ވެސް 'ސަން'އިން އެދިފައިވެއެވެ.

ނަމަވެސް، މިނިސްޓްރީން ދިން ކުރު ޖަވާބެއްގައި އިއްޔެ ބުނީ، އެދިފައިވާ މައުލޫމާތު ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބަލާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ފޯރުކޮށްދިނުމަކީ "ދަތިކަމެއް" ކަމަށެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާއި 3،000 އާ ދެމެދުގައި އުޅޭނެ ކަމަށް އިދިކޮޅުން ބުނާއިރު، އަދަދުތައް ރަސްމީކޮށް ހާމަނުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

https://sun.mv/208651

އެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992އެވެ.

އެހެންނަމަވެސް، ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިތުރުވެފައިވާއިރު، ސަރުކާރުން ހާމަކުރި ނަންބަރުތަކާ ދިމާނުވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެހެންވެ، އެ މައްސަލައިގައި، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުގެ ތަފުސީލު ހޯދުމަށް މިދިޔަ މާރިޗު މަހުގެ 31ގައި، އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ފިނޭންސް މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ އައިކް އަހުމަދު އީސާ ވަނީ އެ މިނިސްޓްރީއަށް ސުވާލު ހުށަހަޅައިފައެވެ.

https://sun.mv/211643

ނަމަވެސް އެއީ މިނިސްޓްރީން ލިޔެގެން ވަކިން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށް ބުނެ، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން ވަނީ ހިފަހައްޓައިފައެވެ.

މި އަހަރު ތެރޭގައި ދައުލަތުން މުސާރައާއި އިނާޔަތަށް ކުރާ ޚަރަދު މިދިޔަ އަހަރަށްވުރެ އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 11ވަނަ ދުވަހާ ހަމައަށް، މުސާރައަށް 6.06 ބިލިއަން ރުފިޔާ ޚަަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރީ 5.60 ބިލިއަން ރުފިޔާއެވެ. އަދި، އިނާޔަތްތަކަށް 5.30 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 5.01 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް