ކުރީގެ އަނބިމީހާ، ހިލޭ ފިރިހެނާ ގުޅުން ބޭއްވި ކަމަށްބުނެ އެ ވާހަކަތައް ފޭސްބުކްގައި ލިޔުނު މީހެއްގެ މައްޗަށް އަބުރާ ބެހުނުކަން ސާބިތުވެ ޖޫރިމަނާކޮށްފިއެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި، ހިނގި މި ހާދިސާއާ ގުޅިގެން، އެ ފިރިހެން މީހާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ، އޭނާގެ ކުރީގެ އަންހެނުން ގުޅުން ބޭއްވި ކަމަށް ބުނި ފިރިހެން މީހާއެވެ.
ސަރުކާރު ކުންފުންޏެއްގައި އުޅޭ މި މީހާގެ ދައުވާގައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދޭން އެދިފައި އޮތް ނަމަވެސް އެ ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 5000 ރުފިޔާ ނަގައިދީ، އަދި ވަކީލު ފީގެ ގޮތުގައި 50،000 ރުފިޔާ ނެގުމުގެ އިތުރުން، ފޭސްބުކްގައި މާފަށް އެދެން އަންގައިގެންނެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފިރިހެން މީހާ، އޭނާގެ ކުރީގެ އަނބިމީހާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ބައެއް ނޫސްތަކުގައި ވެސް އެ ވާހަކަތައް ލިޔެފައިވެއެވެ.
ހުކުމުގައި މެޖިސްޓްރޭޓް އަންގާފައިވަނީ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި، އަދި އެއް މަސް ދުވަހުގެ ތެރޭގައި ފޭސްބުކްގައި މާފަށް އެދުމަށެވެ.
މި އަހަރުގެ ކުރީކޮޅު ހިނގި ކަމަށް ބުނާ މި ހާދިސާއަށް ފަހު، 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ ދެމަފިރިންގެ ކައިވެނިވަނީ ރޫޅިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެއެވެ.