އަލިމަގު އޮޕަރޭޝަންގައި 31 ކިލޯގެ ޑުރަގާ އެކު 202 މީހުން ހައްޔަރުކޮށްފި

ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރަނީ: އަލިމަގުގެ ދަށުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ މަހު ފުލުހުން ފެށި "އަލިމަގު" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ)އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މިދިޔަ ނޮވެންބަރު މަހުގެ 13ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 193 މީހަކު ހައްޔަރުކޮށް، 30.6 ކިލޯގެ މަސްތުވާތަކެއްޗާއި 182 ރާފުޅިތަކާއި ބިޔަރު ދަޅުތައް އަތުލައިގެންފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 71 މައްސަލައެއް ބަލައި، ދައުވާކުރަން 34 މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރު ފާތިޙް މުޙައްމަދު ވިދާޅުވީ، އިއްޔެއިން ފެށިގެން މިއަދު ހެނދުނުގެ ނިޔަލަށް އަލިމަގު އޮޕަރޭޝަންގެ ދަށުން އިތުރު އޮޕަރޭޝަނެއް ހިންގައި ހަ ފިރިހެނަކާއި ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގެ ދަށުން ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ވެސް ފާތިޙް ހާމަކުރެއްވިއެވެ.

https://sun.mv/215778

އޭގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތަފުސީލު ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން:

  • 16،024 މީހަކު ބަލައި ފާސްކުރި
  • 997 މީހަކު ހައްޔަރުކުރި
  • 188 އޮޕަރޭޝަނެއް ހިންގި
  • 137 ބިދޭސިއަކު ޑީޕޯޓުކުރަން ހަވާލުކުރި
  • އެންޑީއޭއަށް ފަރުވާއަށް 301 މީހަކު ހަވާލުކުރި
  • 11 އައްޑާއެއް ބަންދުކުރި
  • 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6،860 ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތައް ހިފެހެއްޓި
  • އެ ތަކެތީގެ އަގު 875.23 މިލިއަން ރުފިޔާއަށް އަރާ

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ޑުރަގު އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަޙްމަދު ނާޢިފް ވިދާޅުވީ، ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ)އިން 133 މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭ މަސްތުވާތަކެތީގެ ވިޔަފާރިތަކަށް ފަންޑުކުރިކަމުގެ 30 މައްސަލައެއް ހިމެނޭކަމަށް ނާއިފް ވިދާޅުވިއެވެ.

ބައެއް މައްސަލަތައް ފައިލްކުރަން ޖެހުނު ކަމަށާއި ސަބަބަކީ ބައެއް މައްސަލަތަކުގައި ހައްޔަރުކުރި މީހުންނަށް ދައުވާކުރެވޭ ވަރަށް ހެކި ހުރި ކަމުގައިވިޔަސް، އެ މީހުންގެ އިތުރު މައްސަލަތަކެއް ޑުރަގު ކޯޓުގައި ހިނގަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް