މި އަހަރު ކުރީކޮޅު ނެރުނު ގެލެކްސީ އެސް25 އެޖާއި އެޕަލްގެ އައިފޯން އެއާ ފަދަ "އަލްޓްރާ-ތިން" (ވަރަށް ތުނި) ފޯނުތަކަށް މާކެޓުގައި އެކަށީގެންވާ ތަރުހީބެއް ނުލިބުމާ ގުޅިގެން، ސެމްސަންގުން އެ ކުންފުނީގެ ކުރިއަށް އޮތް ގެލެކްސީ އެސް26 އެޖް ނެރުމުގެ ޕްލޭން ދޫކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކޮރެއާ އިކޮނޮމިކް ޑެއިލީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެމްސަންގުން ގެލެކްސީ އެސް26 އެޖް އުފެއްދުމުގެ މަސައްކަތް ހަމައެކަނި ފަސްކޮށްލީކީ ނޫނެވެ. އޭގެ ބަދަލުގައި އެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.
މީގެ ކުރިން އަޑުތައް ފެތުރިފައި އޮތީ 2026 ވަނަ އަހަރު ނެރޭ ގެލެކްސީ އެސް26 ޕްލަސްގެ ބަދަލުގައި "އެޖް" މޮޑެލް ނެރޭނެ ކަމަށެވެ. ނަމަވެސް، އެންމެ ފަހުގެ ނިންމުމާ އެކު ސެމްސަންގުން ދެން ފޯކަސްކުރާނީ އާދައިގެ ގެލެކްސީ އެސް26، އެސް26 ޕްލަސް އަދި އެސް26 އަލްޓްރާ ހިމެނޭ ގޮތަށް އެ ކުންފުނީގެ މައިގަނޑު ސީރީޒް ކުރިއަށް ގެންދާށެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ މި އަހަރު ނެރުނު ގެލެކްސީ އެސް25 އެޖްގެ ތަޖުރިބާއެވެ. އެ ފޯނުގެ އިންޖިނިއަރިން މަސައްކަތަށް ތައުރީފު ލިބުނު ނަމަވެސް، ފޯނު ތުނިކުރުމަށްޓަކައި ގެނެވުނު ބަދަލުތަކަށް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އޭގެ ތެރޭގައި، 3،900 މިލީއެމްޕަޔާގެ ކުޑަ ބެޓެރީއެއް ހިމެނުމާއި، ފޯނުގެ ބޯމިން ކުޑަކުރުމަށްޓަކައި ޓެލެފޯޓޯ ކެމެރާ އުނިކޮށްފައިވުން ހިމެނެއެވެ. މީގެ ސަބަބުން ފޯނުގެ ބެޓެރީ އަވަހަށް ހުސްވުމުގެ ޝަކުވާ ބޮޑުވެ، އާންމުންގެ މެދުގައި ފޯނުގެ މަޤުބޫލުކަން ކުޑަވިއެވެ.
މީގެ އިތުރުން، އެޕަލްގެ އައިފޯން އެއާގެ ވިޔަފާރި ދަށްވުމަކީ ވެސް ސެމްސަންގެ މި ނިންމުމަށް ބާރުއެޅި ކަމެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޑިމާންޑް ދަށްވުމުގެ ސަބަބުން އެޕަލްއިން ވެސް ވަނީ އައިފޯން އެއާ އުފެއްދުން އެއް މިލިއަން ޔުނިޓަށް މަދުކޮށްފައެވެ. ކަސްޓަމަރުންގެ ފަރާތުން އެންމެ ބޮޑަށް ޝަކުވާ އައިސްފައިވަނީ ބެޓެރިއާއި ކެމެރާގެ ފެންވަރާ މެދުގައެވެ.
މި ހާލަތުން އެނގެނީ ކަސްޓަމަރުން މިހާރު އިސްކަންދެނީ ހަމައެކަނި ފޯނުގެ ޑިޒައިން ނުވަތަ ތުނި މިނަށް ނޫންކަމެވެ. އޭގެ ބަދަލުގައި ބެޓެރީ ލައިފް ރަނގަޅު، ކެމެރާގެ ފެންވަރު މަތި އަދި ހީޓް މެނޭޖްމަންޓް ރަނގަޅު ފޯނުތަކަށް ކަސްޓަމަރުންގެ ޝައުޤުވެރިކަން ބޮޑުކަން މިކަމުން ހާމަވެއެވެ.