ގެލެކްސީ އެސް 26 ލޯންޗުކުރުން ލަސްވެއްޖެ

މި ސީރީޒްގައި ހިމެނޭނީ ތިން މޮޑެލްއެއް ---

ސެމްސަންގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ސީރީޒް، "ގެލެކްސީ އެސް26" ލޯންޗުކުރުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ލަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުރިން ބެލެވިފައި އޮތީ މި ސީރީޒް އަންނަ އަހަރުގެ ޖެނުއަރީ މަހު ބާޒާރަށް ނެރޭނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން، އެމެރިކާގެ ސެން ފްރެންސިސްކޯގައި ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓް އޮންނާނީ ފެބްރުއަރީ މަހުގެ މެދުތެރޭގައެވެ.

މި ސީރީޒްގައި ހިމެނޭނީ ތިން މޮޑެލްއެކެވެ. އެއީ ގެލެކްސީ އެސް26 އާއި، ގެލެކްސީ އެސް26 ޕްލަސް އަދި ގެލެކްސީ އެސް26 އަލްޓްރާ އެވެ. ކުރިން ސެމްސަންގުން "ޕްރޯ" އަދި "އެޖް" މޮޑެލްއެއް ތައާރަފުކުރުމަށް ވިސްނި ނަމަވެސް، މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، އަސްލު ތިން މޮޑެލްއަށް އެކަނި ސަމާލުކަން ދޭން ނިންމާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އިތުރު މޮޑެލްތައް ނުނެރެން ނިންމީ ކުރީގެ "އެޖް" މޮޑެލްތަކަށް މާކެޓުގައި ލިބުނު ތަރުހީބު ކުޑަވުމުގެ ސަބަބުންނެވެ. މީގެ އިތުރުން އެޕަލްގެ އައިފޯން 17 ސީރީޒްއާ ވާދަކުރުމުގައި ހަރުދަނާ ސްޓްރެޓެޖީއެއް ގެންގުޅުމަކީ ވެސް މި ބަދަލު ގެނައި ސަބަބެކެވެ.

މި ސީރީޒްގެ އެންމެ ވަރުގަދަ މޮޑެލް ކަމަށްވާ "ގެލެކްސީ އެސް26 އަލްޓްރާ" ބާޒާރަށް ނެރުން، އެހެން މޮޑެލްތަކަށްވުރެ ދެ ހަފްތާ ފަސްވުން އެކަށީގެންވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންކަމުން މި ފޯނަށް އިންތިޒާރުކުރާ ފަރާތްތަކުން އިތުރު ދުވަސްތަކަކަށް މަޑުކުރަން ޖެހޭނެއެވެ.

އެސް26 ސީރީޒްގައި ޕާފޯމަންސްއާއި ކެމެރާއަށް ކުރިއެރުންތަކެއް ގެންނާނެ ކަމަށް ބެލެވުނު ނަމަވެސް، އެސް26 އަލްޓްރާގެ ކެމެރާ ސެންސަރަށް މިފަހަރު ބޮޑު ބަދަލެއް ނާންނާނެ ކަމަށްވެއެވެ. މިއީ އުފެއްދުމުގެ ޚަރަދު ކުޑަކުރުމަށާއި، އައު އީޖާދުތަކާއި އަގާ ދެމެދު ބެލެންސްއެއް ހިފެހެއްޓުމަށް ސެމްސަންގުން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ.

ސެމްސަންގްގެ "ގެލެކްސީ އެސް" ސީރީޒަކީ ދުނިޔޭގެ ސްމާޓްފޯން މާކެޓުގައި އެންމެ މަގުބޫލު އެއް ފްލެގްޝިޕް ބްރޭންޑެވެ. ކޮންމެ އަހަރެއްގެ ކުރީކޮޅު ބާއްވާ "އަންޕެކްޑް" އިވެންޓުގައި މި ސީރީޒްގެ އައު ފޯނުތައް ދައްކާލާއިރު، މިއީ ވާދަވެރި އެޕަލްގެ އައިފޯނާ ފެންވަރުގެ ގޮތުން އެންމެ ބޮޑަށް ކުރިމަތިލާ ފޯނުތަކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސެމްސަންގުން ވަނީ އެސް ސީރީޒްގެ ތެރެއިން "އަލްޓްރާ" މޮޑެލްއަކީ އެންމެ ވަރުގަދަ ކެމެރާ ސިސްޓަމާއި ޓެކްނޮލޮޖީ އެކުލެވޭ ފޯނުގެ ގޮތުގައި މަޝްހޫރުކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން ބޮޑުވެ، އުފެއްދުމުގެ ޚަރަދުތައް އުފުލެމުން ދާތީ، ސެމްސަންގުން މިހާރު އަންނަނީ އެކި ވައްތަރުގެ މޮޑެލްތައް ތައާރަފުކުރުމުގެ ބަދަލުގައި، ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ތިން މޮޑެލްއަށް ބޮޑަށް އަމާޒުކޮށްގެން ވިޔަފާރީގެ ސްޓްރެޓެޖީ ބަދަލުކުރަމުންނެވެ.

comment ކޮމެންޓް