ބައިނަލްއަގުވާމީ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ބެލެޖިޔަމް ތަދައްޚުލުވެއްޖެ

އިންސާފާބެހޭ ބައިނަލްއަގްވާމީ ކޯޓު

ދަ ހޭގް (24 ޑިސެމްބަރު 2025): ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި ޔަހޫދީ އިސްރާއީލުގެ މައްޗަށް އުފުލާފައިވާ ޣައްޒާގެ އާންމު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ދައުވާގައި އިސްރާއީލާ ދެކޮޅަށް ބައިވެރިވެ މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް ބެލްޖިއަމުން ނިންމައިފިއެވެ.

ބެލްޖިޔަމްގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއް ބުނާގޮތުން ބައިނަލްއަގްވާމީ އިންސާފުގެ ކޯޓު އުފެއްދުމުގެ ސްޓެޓިއުޓްގެ 63 ވަނަ މާއްދާގެ ދަށުން، މި ދައުވާގައި ބައިވެރިވެ މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް އެދި ރަސްމީ ސިފައެއްގައި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓު (އައިސީޖީ)އަށް ހުށަހަޅާފައިވާނެ ކަމުގައެވެ.

ޣައްޒާގެ އާންމު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޓަކައި އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގާ މައްސަލައިގެ ދައުވާ އިސްރާއީލާ ދެކޮޅަށް "އައިސީޖީ" އަށް ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ.

އެއަށްފަހު އެތައް ގައުމެއް އިސްރާއީލާ ދެކޮޅަށް މި ދައުވާގައި ބައިވެރިވެ، ތަދައްޚުލުވެފައި ވެއެވެ. ތަދައްޚުލުވި ގައުމުތަކުގެ ތެރޭގައި އަޔަލޭންޑް، ކޮލަންބިއާ، ތުރުކީ ދިވެހިރާއްޖެ އަދި މެލޭޝިއާ ފަދަ ގައުމުތައް ހިމެނެއެވެ.

ޔަހޫދީ އިސްރާއީލުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ގަތުލުއާންމުތައް ހިންގުމާއި އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ބޮންއަޅައި އެތަންތަން ފުނޑާލައި ބިމާހަމަކޮށްލުމާ އަދި ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅައި އެމީހުން ބަނޑަށް ޖެއްސުމާ އަދި ޣައްޒާގެ ރައްޔިތުން ބޭސްފަރުވާއިން މަހުރޫމް ކުރުމަކީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޚާއްސަކޮށްގެން ސިސްޓަމެޓިކް ގޮތެއްގައި އިސްރާއީލު ހިންގަމުން ގެންދާ ޖަރީމާތައް ކަމުގައެވެ.

ޣައްޒާގައި، ދަރިފަންޏާއި ދަރިމައިވާ ބިސް ރައްކާކޮށްފައިވާ ފާޓިލިޓީ ސެންޓަރަށް، އިސްރާއީލުން ބޮން އަޅައި އެތަން ހަލާކުކޮށް ބިމާ ހަމަކޮށް 4 ހާހަށްވުރެ ގިނަ ހިޔުމަން އެންބޯރިއޮސް ނައްތާލާފައިވާ ކަންވެސް ދައުވާގައިވަނީ ހިމަނާފައެވެ. މިއީ 4 ހާސް ތުއްތުކުދިންގެ ނަސްލު ނައްތާލުމެވެ.

އިސްރާއީލުން ފާއިތުވި ދެ އަހަރާއި ދެ މަސްތެރޭގައި ޣައްޒާގެ އާންމުންގެ 71 ހާސް މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި އާއިލާގެ ހުރިހާ ފަރުދުން އެއްކޮށް ޝަހީދުކޮށްލުމުގެ ސަބަބުން އެއްކޮށް ނައްތާލާފައިވާ އާއިލާތަކުގެ އަދަދު 300 އަށް ވުރެގިނައެވެ. އަދި މައިން ބަފައިން ޝަހީދުކޮށްލުމުގެ ސަބަބުން ޔަތީމްކޮށްލާފައިވާ ތުއްތު ކުދިންގެ އަދަދު 25 ހާހަށް އަރައެވެ. ޒަޚަމްކޮށްލި މީހުންގެ އަދަދު ދެ ލައްކައަށް އަރައެވެ.

ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާ އިސްރާއިލުން ހިންގައިތޯ ބެލުމަށް ޚާއްސަކޮށްގެން އދ. ން އެކުލަވާލި ޚާއްސަ މުހައްގިގުންގެ ރިޕޯޓެއް ބުނާގޮތުން އިސްރާއީލުން ޣައްޒާގައި ހިންގަނީ ހުރިހާ މިންގަނޑުތަކަކުން ބަލާއިރުވެސް ނަސްލު ނައްތާލުމުގެ ޖަރީމާއެވެ.

މީގެއިތުރުން އިސްރާއީލުގެ ބައެއް ވަޒީރުންވަނީ ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި އެމީހުން މެރުމަށް އެތަށް ފަހަރަކު ފާޅުގައި ގޮވާލާފައެވެ.

ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ވަނީ އިސްރާއީލުގެ މައްޗަށް އުފުލާފައިވާ މިދައުވާއަށް ބެލުމަށްފަހު ނަސްލު ނައްތާލުމުގެ ޖަރީމާކަމަށް ބެލެވޭ އެއްވެސް އަމަލެއް ޣައްޒާގައި ނުހިންގުމަށް 2024 ވަނަ އަހަރުގެ ކުރީކޮޅު އިސްރާއީލުގެ މައްޗަށް އަމުރެއް ނެރެފައެވެ. ނަމަވެސް އިސްރާއީލު ވަނީ މިއަމުރަށް ގޮންޖަހާފައެވެ.

ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގެ އިތުރުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށްވެސްވަނީ ޣައްޒާގައި ގަތުލުއާންމު ހިންގުމުގައި ބައިވެރިވާ އިސްރާއީލުގެ ވެރިންގެ މައްސަލަ ހުށަހެޅިފައެވެ.

މިމައްސަލާގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ އިސްރާއީލުގެ ވެރިން ހައްޔަރުކޮށްގެން އެކޯޓަށް ހާޒިރު ކުރުމަށް ގޮވާލައި ދުނިޔޭގެ ގައުމުތަކުގެ މައްޗަށް އަމުރެއް ނެރެފައެވެ. ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާވަނީ މިއަމުރަށް ގޮންޖަހައި ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވާ އިސްރާއީލުގެ ބޮޑުވަޒީރާއި އެނޫން މަސްއޫލުވެރިންނަށް ހިމާޔަތް ދީފައެވެ.

އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމް އެންމެ ބޮޑަށް ސްޕޮންސާ ކުރާ ގައުމު ކަމަށްވާ އެމެރިކާ ވަނީ އިސްރާއީލުގެ ވެރިންގެ ޖަރީމާތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓަރަށް ބިރުދައްކައި އެބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު