ދަރިވަރުންގެ ވިޔަފާރީގެ ހުނަރު އިތުރުކުރުމަށް، ދިރާގާއި އެމްއެންޔޫގެ ޕާޓްނާޝިޕެއް

ދަރިވަރުންގެ ވިޔަފާރީގެ ހުނަރު އިތުރުކުރުމަށް، އެމްއެންޔޫއާއި ދިރާގުން ޕާޓްނާޝިޕެއް ގާއިމުކުރުން -- ފޮޓޯ/ ދިރާގު

ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި "އެމްއެންޔޫ އިނޮވޭޓްހަބް ޕަވަޑް ބައި ދިރާގު" ތައާރަފު ކުރުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.

މި ސްޓްރެޓީޖިކް ޕާޓްނާޝިޕް ރަސްމީކޮށްފައިވަނީ ދިވެހި ގައުމީ ޔުނިވާސިޓީގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. ދިރާގުން ވަނީ، މިއީ ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްފައެވެ.

އެމްއެންޔޫއާއި ދިރާގުގެ ޕާޓްނާޝިޕްގެ ދަށުން އިފުތިތާހުކުރިި މި ޚާއްޞަ ޔުނިވާސިޓީ އިންކިއުބޭޓާ ޕްރޮގްރާމް "އެމްއެންޔޫ އިނޮވޭޓްހަބް ޕަވަޑް ބައި ދިރާގު"އަށް، އެ ކުންފުނިން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އޭގެ ތެރޭގައި މެންޓާޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެއެވެ.

ދިރާގުން ބުނީ އެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އީޖާދީ ޚިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށް ކަމަށެވެ. އޭގެތެރޭގައި ޚިޔާލު އުފެއްދުމާއި މެންޓާޝިޕާއި ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން އަދި ދަރިވަރުންގެ އީޖާދީ ޚިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުކަން މި ޕްރޮގްރާމުން ރަމްޒުކޮށްދޭ ކަމަށް ވެސް، އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ، އަމާޒަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީއަށް އެހީތެރިވެދިނުން ކަމަށް ބުނެފައެވެ. އަދި އެމްއެންޔޫއާއެކު ހެދި ޕާޓްނާޝިޕްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ އީޖާދީ މާހައުލު އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުތައް ފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް