އަނިޔާވެރިކޮށް މީހަކު ބިންމަތީގައި ދަމާފައި ގެންގޮސް މޫދަށް އެއްލާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ، ވައްކަމުގެ ތުހުމަތުކޮށް މީހަކު މޫދަށް އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރު ވަމުންނެވެ.
އެ ވީޑިއޯގައި ފެންނަނީ، ގިނަ ބަޔަކު ތިބި ސަރަހައްދެއްގައި ފިރިހެނަކު ބިންމައްޗަށް ވައްޓާލައިގެން ބިންމަތީގައި ދަމާފައި ގެންދާ ތަނެވެ.
ހަމައެކަނި ޖިންސެއް ލައިގެން އެ މީހާ އޮތްއިރު، ގަންބޫޓަކަށް އަރައިގެން ހުރި މީހަކު ދަމާފައި ގެންދާ މީހާގެ އަތް މައްޗަށް އަރައެވެ. ދެން ފެންނަނީ އޭނާ ބިންމަތީ ދަމާފައި ގެންގޮސް މޫދަށް އެއްލައިލާ މަންޒަރެވެ.
މޫދަށް އެއްލައިލި މީހާއާ އިތުރު މީހަކާ ދެމެދު ވާހަކަތަކެއް ދައްކާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އެކަމަކު، ވީޑިއޯގެ އަޑު ނެތުމުން ދައްކަނީ ކޮން ވާހަކަތަކެއް ކަމެއް ނޭނގެއެވެ. މި ވީޑިއޯ އާންމުކުރި މީހާ ބުނެފައިވާ ގޮތުގައި، މޫދަށް އެއްލާލި މީހާއަށް ކުރެވެނީ ވައްކަމުގެ ތުހުމަތެވެ.
މި މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ކަން ފުލުހުންގެ ސަމާލު ކަމަށް އައުމާ އެއްކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.