ހުއްދަ ނެތި ވިޔަފާރި ކުރި ތިން ބިދޭސީން ހައްޔަރުކޮށް، ފަސް ދުވަހަށް ޖަލަށް

މީގެ ކުރިން އިމިގްރޭޝަނުން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ހިންގި ރެއިޑެއްގައި ބިދޭސީއެއްގެ މައުލޫމާތު ނަގަނީ: ---- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތި, ވިޔަފާރި ކުރަމުން ދިޔަ ތިން ބިދޭސީން ހައްޔަރުކޮށް, ފަސް ދުވަހަށް ޖަލުގައި ބަންދު ކުރަން އަމުރުކޮށްފިއެވެ.

ނުގަވައިދުން ރާއްޖޭގައި އުޅެ, ވިޔަފާރި ކޮށް ހަދާ ބިދޭސީން އާއްމުކޮށް ގެންދަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުއްދަ ނެތި ވިޔަފާރި ކުރާ ތިން ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފައެވެ.

އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން ބިދޭސީންނެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭގޮތުގައި އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ, ވޯކްޕާމިޓާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރުމާއި މަސައްކަތް ކުރާ ކަމަށެވެ.

އެ މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނަށް ވުމުން, ކުށުގެ ތުހުމަތުން ސަލާމަތްވުމަށް ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އަމުރުގައިވެއެވެ.

އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ އިތުރު ހެކި ދެން އޮންނަ މުއްދަތު މަޖިލީހަކަށް ހުށަހަޅާނެ ކަމަށް ފުލުހުން އިއްޔެ ވަނީ ކޯޓުގައި ބުނެފައެވެ.

އެ ތިން މީހުންނަކީ ކޮން ބާވަތެއްގެ ވިޔަފާރިއެއް ކުރާ ބައެއްކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ނުގަވައިދުން އުޅޭ ބިދޭސީންނާއި, ހުއްދަ ނެތި ބިދޭސީން ކުރަމުން ދާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން އެފަދަ ގިނަ ވިޔަފާރިތަކެއް މިހާތަނަށް ވަނީ ބަންދު ކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

comment ކޮމެންޓް