ދުވަހަކުވެސް ޣައްޒާއިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއިލު ކަޓްޒް. ފޮޓޯ/އޭއެފްޕީ

އިސްރާއީލުގެ އަސްކަރިއްޔާއިން ދުވަހަކުވެސް ޣައްޒާއިން އެއްކޮށް ނުފައިބާނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޓްޒް ބުނެފިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތައް ހުއްޓުމަކަށް ގެނެސް، ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރީ މިދިޔަ އޮކްޓޫބަރު މަހެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ތިބި އިސްރާއީލު ސިފައިން އެ ސަރަހައްދުތަކުން ފައިބަންޖެހެއެވެ. މިހާރު އިސްރާއީލު ސިފައިން ތިބީ ކަނޑައަޅާފައިވާ ވަކި އިމެއްގެ ފަހަތުގައެވެ.

"އަހަރުމެން މިތިބީ ޣައްޒާގެ ވަރަށް އެތެރޭގައި. އަދި ދުވަހަކުވެސް ޣައްޒާ ދޫކޮށް ނުދާނަން." ހުޅަނގު އައްސޭރީގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ކަޓްޒް ބުންޏެވެ.

އަދި ޣައްޒާގެ އުތުރުގައި ވަގުތީ މަރުކަޒެއް ގާއިމުކޮށް އެތަނުގައި ތިބޭނެ ކަމަށްވެސް ކަޓްޒް ބުންޏެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ރޮއިޓާސް ނިއުސް އެޖެންސީއަށް އިނގިރޭސި ބަހުން ދިން ބަޔާނެއްގައި ކަޓްޒް ބުނީ އެ ޔުނިޓްތައް ޣައްޒާގައި ބައިތިއްބާނީ ހަމައެކަނި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

އިސްރާއީލުގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހަދެއް. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ އޮފިޝަލުން ވަނީ ކަޓްޒްގެ އެ ވާހަކަތަކާ ގުޅިގެން ހިތްހަމަ ނުޖެހި، އެކަން ސާފުކޮށްދިނުމަށް އެދިފައެވެ.

އެ ވާހަކަތައް ދެއްކުމުގެ އިތުރުން ކަޓްޒް ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް 12,000 ގެ އެޅުމަށް ހުއްދަވެސް ދީފައެވެ.

އިސްރާއީލުގެ އިންތިޚާބު އަންނަ އަހަރު ބާއްވާނެ ކަމަށް ބެލެވޭއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ވަޒަންވެރި ވުމަކީ ސިޔާސީ މުހިންމު މައްސަލައަކަށް ވަނީ ވެފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަންގެ ހަރުކަށި ކަނާތު ފިޔައިގެ އަދި އަލްޓްރާނޭޝަނަލިސްޓް މެންބަރުން ވަނީ ޣައްޒާ އަލުން ހިފުމަށް ފަހު ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިކުރުވުމަށް ގަސްތުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަޒަންވެރިވުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.

comment ކޮމެންޓް