ރައީސްގެ ސިޔާސަތަށް ބަދަލެއް: އެއާޕޯޓު ގިނަ ނުކޮށް، ކުދި ބޯޓުތަކަށް ރަށްރަށަށް ޖެއްސޭނެ ގޮތް ހޯދަނީ

ރައީސް ދަތުރުފުޅެއްގައި ފުރާވަޑައިގަތުން: ރައީސް ވިދާޅުވީ އެއާޕޯޓު ނާޅައި، ކުދި މަތިންދާބޯޓު ޖެއްސޭނެ ގޮތެއް ހޯދަން ސަރުކާރުން ދިރާސާކުރަމުންދާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެއާޕޯޓު އެޅުމުގެ ބަދަލުގައި ކުދި މަތިންދާބޯޓުތަކަށް ރަށްރަށަށް ޖެއްސޭނެ ގޮތެއް ހޯދަން ސަރުކާރުން އަންނަނީ ދިރާސާކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި ޒުވާނުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ޒުވާނަކު ވަނީ މި ސަރުކާރުން ގިނަ އެއާޕޯޓުތަކެއް އަޅަން ނިންމައިފައިވާކަން ފާހަގަކޮށް، އޭގެ ބަދަލުގައި ސީޕްލޭން ބޭނުންނުކުރާ ސަބަބާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުމަކީ ރޭގަނޑު އެ ޚިދުމަތް ނުދެވުން ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ސީޕްލޭންގެ ބަދަލުގައި، ބައެއް ރަށްރަށުގައި އެއާސްޓްރިޕްތައް ހަދައި، ބޯޓުތައް ޖެއްސޭނެ ގޮތް ހެދިދާނެ ކަމަށެވެ،

"ދެން ހެދޭނެ ގޮތަކީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ކަމެއް، ބޮޑެތި ރަށްރަށުގައި، ބިން އޮތް ރަށްރަށުގައި އެހާ ބޮޑު ނޫނަސް، ކޮންމެވެސް ވަރަކަށް އެއާސްޓްރިޕެއް، މި ގެންގުޅޭ ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ވީލް ހަރުކޮށްފައި ޖެއްސޭނެ ވަރުގެ އެއާސްޓްރިފްސް ހަދާފައި ވަރަށް ގިނަ ރަށްތަކުގައި އޭރުން މަތިން ގޮސް ޖެއްސޭނެ ރޭގަނޑުވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރޭ ޒުވާނުންނާ ބައްދަލުކުރައްވަނީ: ވިދާޅުވީ އެއާޕޯޓު ނާޅާ ކުދި މަތިންދާބޯޓު ޖެއްސޭނެ ގޮތެއް ހޯދަން ސަރުކާރުން ދިރާސާކުރަމުންދާ ކަމަށް-- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ބަލައިފިން ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއާ ސްޓްރިޕެއް ހަދައިފިއްޔާ އެތާނގައި ކުދި ބޯޓުތައް، ގެންގުޅޭ ސީޕްލޭން ބޯޓުތަކުގައި ފުރޮޅު ހަރުކޮށްފައި ދުއްވައިފިއްޔާ އެވަރު ބޯޓުތަކަށް ޖެއްސޭ އެބަ."

ރާއްޖޭގައި މިވަގުތު 18 އެއާޕޯޓެއް އޮންނައިރު، މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރަށަކުން ވެސް ގިނަވެގެން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮންނަކަން ކަށަވަރު ކުރުމެވެ.

https://sun.mv/212757

އެ ސިޔާސަތަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެއާޕޯޓުތައް އަޅަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި އެކަމުން ދައްކައިދެނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވަނީ އެކި ސަރަހައްދުތަކުގައި ކައިރިކައިރީގައި އެއާޕޯޓުތައް ގާއިމްކުރުމުން ސަރުކާރަށް ގެއްލުންވެ، އާޚިރުގައި ގެއްލުންވާނީ ރައްޔިތުންނަށް ކަމަށާއި، އެއީ އެއްވެސް ދުރު ވިސްނުމެއް އޮވެގެން ސަރުކާރުން ކުރާ ކަމެއްނޫން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް